ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕޯސްޓްމޯޓަމްގެ ޚިދުމަތް ދެވޭގޮތަށް، ލެވެލް 2ގެ މެޑިކަލް ޔުނިޓެއް ޤާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
ވަޒީރު މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގައި، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްއިން އިސްނަގައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން، މާލެ ސަރަހައްދުގެ އިތުރުން މުޅި ރާއްޖެއަށް ބޭނުންވާ ފޮރެންސިކް ޚިދުމަތްތައް ފޯރުކޮށްދެވޭނެއެވެ. މީގެ ތެރޭގައި ހިމެނެނީ:
-
ކްލިނިކަލް ފޮރެންސިކް އަދި މެޑިކޯ ލީގަލް ޚިދުމަތްތައް.
-
ޖިންސީ އަދި ޖިސްމާނީ ގޯނާގެ މައްސަލަތައް ތަހުލީލުކުރުން.
-
ލާއިންސާނީ އަނިޔާތަކާއި ބަންދުގައި ތިބޭ މީހުންނަށް ލިބޭ އަނިޔާތައް ބެލުން.
-
ޝަރުއީ އިންޝުއަރެންސްގެ ބޭނުމަށް މީހަކަށް ލިބޭ އަނިޔާގެ މިންވަރު ވަޒަންކުރުން.
"މި ޔުނިޓު މެދުވެރިކޮށް ޝަރުއީގޮތުން ބަލަން ޖެހޭ މަރުގެ މައްސަލަތަކުގައި، މަރުވި ސަބަބު ދެނެގަތުމަށް հަށިގަނޑު ތަހުލީލުކުރުމާއި، ޖިންސީ އަދި ޖިސްމާނީ ގޯނާގެ މައްސަލަތައް ތަހުލީލުކުރުން ހިމެނޭ."— ޞިއްޙަތާ ބެހޭ ވަޒީރު، ޤީލާ ޢަލީ
މި ޚިދުމަތް ފެށުމަށް ބޭނުންވާ ބިން މިހާރު ވަނީ ހަމަޖެހިފައެވެ. އަދި ޔުނިޓު އެކުލަވާލުމުގެ ކުރިން ފޮރެންސިކް ޕެތޮލޮޖީގެ ޤަވާއިދު އެކުލަވާލައި ގެޒެޓްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ސަރުކާރުގެ މައިގަނޑު އަމާޒަކީ ރައްޔިތުންގެ ފުރިހަމަ އިތުބާރު ލިބޭނެ ފަދަ ހަރުދަނާ ނިޒާމެއްގެ ތެރެއިން މި ޚިދުމަތް ރާއްޖެއަށް ތައާރަފްކުރުމެވެ.
ރާއްޖޭގައި ޕޯސްޓްމޯޓަމްގެ ޚިދުމަތް ދިނުމާ ބެހޭ ވާހަކަތައް 2015 ވަނަ އަހަރުން ފެށިގެން ޤާނޫނުގައި ބަޔާންކޮށްފައި އޮތް ނަމަވެސް، ފާއިތުވި 10 އަހަރުގެ ތެރޭގައި އެއްވެސް ސަރުކާރަކަށް މި ޚިދުމަތް ރާއްޖޭގައި ޤާއިމުކުރެވިފައެއް ނުވެއެވެ.
-
ވޭތުވެދިޔަ 10 އަހަރު ތެރޭގައި ޕޯސްޓްމޯޓަމް ހަދަން ރާއްޖެއިން ބޭރަށް 23 ހަށިގަނޑު ފޮނުވަންޖެހުނެވެ.
-
ރާއްޖެއިން ބޭރުން މި ޚިދުމަތް ހޯދުމަށް ކޮންމެ ފަހަރަކު މީހަކަށް އެވްރެޖްކޮށް 55,000 ރުފިޔާ ދައުލަތުން ޚަރަދުކުރަންޖެހުނެވެ.



