ރަނގަޅު ޞިއްޙަތަކީ ހަމައެކަނި އަމިއްލަ ދުޅަހެޔޮކަމެއް ނޫން ކަމަށާއި، އެއީ ތަޢުލީމާއި މުޖުތަމަޢުގެ ކުރިއެރުމުގެ އިތުރުން މުޅި ޤައުމުގެ އިޤްތިޞާދީ ފާގަތިކަމުގެ އަސާސީ ބިންގާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ ކްރޮސްރޯޑްސް މޯލްޑިވްސްގައި މިއަދު ހެނދުނު ރަސްމީކޮށް ފެށި "ތަރޑް އިންޓަނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޯރ ހެލްތްކެއަރ ޕްރޮފެޝަނަލްސް 2026" (އައި.ޖޭ.ސީ.އެޗް.ޕީ) އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި މަހުގެ 9 ގެ ނިޔަލަށް ކުރިއަށްދާ މި ބައިނަލްއަޤްވާމީ ކޮންފަރެންސް މިއަހަރު ބާއްވަނީ ޞިއްޙީ ދާއިރާގެ ދެމެހެއްޓެނިވި ކުރިއެރުމަށްޓަކައި ހެއްކާއި، ބާރުވެރިކަމާއި، ތަޢުލީމު އިސްކުރުމުގެ މުހިންމު ޝިޢާރެއްގެ ދަށުންނެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަޑައިގެންނެވި ޞިއްޙީ ފަންނީ ބޭފުޅުންނާއި ދިރާސާވެރިން ބައިވެރިވި މި ބައްދަލުވުމުގައި، ރައީސްގެ އަނބިކަނބަލުން ވަނީ ޓެކްނޮލޮޖީއަށްވުރެ އިންސާނިއްޔަތުކަން މުހިންމުކަން ހަނދާންކޮށްދެއްވާފައެވެ. އެގޮތުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ރޮބޮޓިކްސް ފަދަ ޒަމާނީ ވަސީލަތްތަކުން ޚިދުމަތްތައް އަވަސްކޮށްދިން ނަމަވެސް، ބަލިމީހުންނަށް ބޭނުންވާ އޯގާތެރިކަމާއި ކުލުނަކީ އެއްވެސް މެޝިނަކަށް ނުވަތަ އެލްގޮރިދަމަކަށް ބަދަލުނުކުރެވޭނެ އިންސާނީ ސިފަތަކެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކަށް މޫސުމީ ބަދަލުތަކާއި ޖިއޮގްރަފީގެ ސަބަބުން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ވިލުންތެރި ޞިއްޙީ ނިޒާމެއް ބޭނުންވާކަން ފާހަގަކުރައްވައި، ސަރުކާރުން މި ދާއިރާގެ އުމްރާނީ އަދި ޑިޖިޓަލް ތަރައްޤީއަށް މެދުނުކެނޑި އިންވެސްޓްކުރަމުންދާ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
މީގެ އިތުރުން، ބަލިމީހުންގެ ފަރުވާގެ ހުރިހާ މަރުޙަލާއެއްގައި އެންމެ ގާތުން މަސައްކަތްކުރާ ނަރުހުންގެ އަގުނުކުރެވޭފަދަ ޚިދުމަތްތަކަށް ސާޖިދާ މުޙައްމަދު ޚާއްޞަ ޝުކުރެއް އަދާކުރެއްވިއެވެ. އަދި ޞިއްޙީ ދާއިރާގެ އިސް ސަފުގައި އަންހެނުން ހަރަކާތްތެރިވުމުން، މުޅި ނިޒާމަކީ އެންމެންގެ ބޭނުންތަކަށް އިޖާބަދޭ، ހަރުދަނާ ނިޒާމަކަށް ވެގެންދާނެކަން އެކަމަނާގެ ވާހަކަފުޅުގައި ބާރުއެޅުއްވިއެވެ.
ކޮންފަރެންސް ހުޅުވުމުގެ މި ރަސްމިއްޔާތުގައި، އެކަމަނާ ކުރައްވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންފަރެންސްގެ އިންތިޒާމުކުރާ ކޮމިޓީގެ ފަރާތުން ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ.



