ކުރީގެ ސަރުކާރުން ފެށި "ހެނދުނުގެ ނާސްތާ" ޕްރޮގްރާމުގެ ދަށުން މިހާރު ރާއްޖޭގައި ނާސްތާ ފޯރުކޮށްދެމުންދަނީ 400 އެއްހާ ދަރިވަރުންނަށް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ނާސްތާ ޕްރޮގްރާމް މެދުކަނޑާލި ސަބަބާ ގުޅޭގޮތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ކޮންމެ ކުއްޖަކަށް ނާސްތާ ދިނުމަކީ ކުރީގެ އެމްޑީޕީ ސަރުކާރުގެ ވައުދަކަށް ވީނަމަވެސް، ހުރިހާ ކުދިންނަށް ނާސްތާ ނުދީ ހަމައެކަނި ބޭނުންވާ ކުދިންނަށް ދޭ ގޮތަށް ބަދަލުކުރަން ނިންމީ ވެސް ހަމަ އެ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓްރީންނެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މިފަދަ ޕްރޮގްރާމްތައް ހިންގި ނަމަވެސް، ރާއްޖެއަށް މިފަދަ ނިޒާމެއް ތައާރަފްކުރާއިރު އެކަން ކުރަންޖެހެނީ ރާއްޖޭގެ ހާލަތާއި ގުޅޭގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިހާރުގެ ސަރުކާރުން ވެސް ކޮންމެ އަހަރަކު ސްކޫލް ހުޅުވޭއިރު، އެހީތެރިކަން ބޭނުންވާ ނިކަމެތި ކުދިން ދެނެގަނެ، ރަށްރަށުގެ މަސްލަހަތުވެރިންނާ ވާހަކަދައްކައިގެން އެ ކުދިންނަށް ބޭނުންވާ ސަޕޯޓު ދެމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިހާރު މި ޕްރޮގްރާމުގެ ދަށުން އެހީތެރިކަން ލިބޭ ކުދިންގެ ޖުމްލަ އަދަދު 400 އަށްވުރެ އިތުރުވާނެ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއްގެ ދަށުން، ހެނދުނު ދަންފަޅީގައި ކިޔަވާ ހުރިހާ ކުދިންނަށް ނާސްތާ ދޭން ފެށީ 11 ޖޫން 2019 ގައެވެ. ނަމަވެސް ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ސްކޫލްތައް ބަންދުކުރުމުން އެ ޕްރޮގްރާމް މެދުކަނޑާލިއެވެ. އޭގެ ފަހުން 2021 ވަނަ އަހަރު އަލުން މި ޕްރޮގްރާމް ފެށިއިރު، ކުރިއަށްގެންދިޔައީ ހަމައެކަނި އެންމެ ބޭނުންޖެހިފައިވާ ކުދިން ދެނެގަނެ، އެ ކުދިންނަށް އެހީތެރިކަން ދޭ ގޮތަށެވެ.



