ކްރިމިނަލް ކޯޓަށް ތިން ފަނޑިޔާރުން ހޯދުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު އިޢުލާންކޮށްފިއެވެ.
އެ ކޮމިޝަނުން ކުރި އިއުލާނުގައިވާ ގޮތުން ކްރިމިނަލް ކޯޓުގެ ގާޒީ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި މަގާމުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މި މަހުގެ ސޯޅަވަނަ ދުވަހުގެ މެންދުރު ބާރަ ޖެހުމުގެ ކުރިން ފަހިރެސް ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހަޅަންޖެހޭނެ ކަމަށް ޖޭއެސްސީން ބުނެއެވެ.
މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖޭހޭ ޝަރުޠުތަކުގެ ތެރޭގައި އުމުރުން ފަންސަވީސް އަހަރު ފުރިފައިވުމާއެކު، އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާސިލުކޮށްފައިވުން ހިމެނެއެވެ. މީގެ އިތުރުން ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި މަދުވެގެން ތިން އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާންޖެހޭނެއެވެ. އަދި ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކޮށްފައިވާ ނުވަތަ ޢައްޔަންކޮށްފައިވާ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ވެގެންނުވާނެއެވެ.
އިޢުލާނުގައިވާ ގޮތުން އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެންނުވާނެއެވެ. އަދި ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ޙުކުމްކުރެވި އެ ޙުކުމް ވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި ތަންފީޛުކޮށް ނިމިފައިވާ މީހަކު ކަމުގައި ވެގެންނުވާނެއެވެ. މީގެ އިތުރުން އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހެއްކަމުގައި ވާންޖެހޭނެއިރު، ޖިނާއީ ކުށެއް ސާބިތުވެ ޙުކުމް ތަންފީޛު ކުރަމުންދާ މީހަކު ކަމުގައި ވެގެންނުވާނެއެވެ.
މި މަޤާމަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ ގޮތުގައި ތިރީސް ހަތް ހާސް ހަތް ސަތޭކަ ރުފިޔާ ލިބޭނެއެވެ. އަދި އެލަވަންސްތަކުގެ ގޮތުގައި ބާވީސް ހާސް ތިން ސަތޭކަ ރުފިޔާ ލިބޭނެ ކަމަށް ޖޭއެސްސީގެ އިޢުލާނުގައިވެއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސްވެސް މި މަޤާމަށް އައްޔަންކުރެވޭ ފަރާތްތަކަށް ލިބިދެވޭނެއެވެ.




