މާލޭގެ ހުޅަނގު ބަނދަރު ސަރަހައްދުގައި ހުންނަ ފުޑް ކޯޓުގައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 27 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ރޭ ގެންގޮސްފިއެވެ. އިމިގްރޭޝަނުން މިކަން ހާމަކުރީ މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި، ގަވާއިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީން ގިނައިން އުޅޭ ކަމަށް ފާހަގަކުރެވިގެން ފުޑް ކޯޓަށް ޚާއްޞަކޮށްގެން އިމިގްރޭޝަންގެ ޓާސްކް ފޯސްއިން ރޭ ވަނީ ރެއިޑް އޮޕަރޭޝަނެއް ހިންގާފައެވެ.
-
މި އޮޕަރޭޝަނުގައި ޖުމްލަ 88 ބިދޭސީއަކާ ސުވާލުކުރެވުނެވެ.
-
އޭގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅުނު 27 މީހަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދެވުނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ފުޑް ކޯޓުގައި ހިންގާ ހުރިހާ ކެފޭއެއްގައިހެން މަސައްކަތް ކުރަމުންދަނީ މުޅިންވެސް ބިދޭސީންނެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ބާރުގަދަ ސިލްސިލާ އޮޕަރޭޝަންތަކެއް ދަނީ ހިންގަމުންނެވެ. އެގޮތުން މިދިޔަ މެއި މަހުވެސް 254 ބިދޭސީއަކު ވަނީ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހިފަހައްޓައި، ގިނަ އަދަދެއްގެ ބަޔަކު މިހާރުވެސް ވަނީ ރާއްޖެއިން ޑީޕޯޓުކޮށްފައެވެ.
ސަރުކާރުގެ މާސް ލީގަލައިޒޭޝަން ޕްރޮގްރާމުގެ ދަށުން، ރާއްޖޭގައި ވަޒީފާ އަދާކުރުމުގެ ހުއްދަ ނެތް މީހުންނާއި، މުއްދަތު ހަމަވެފައިވާ މީހުންގެ އިތުރުން ރަސްމީ ލިޔެކިޔުމެއް ނެތް މީހުންނަށްވެސް ޤާނޫނުގެ ތެރެއިން ރާއްޖޭގައި އުޅުމުގެ ފުރުސަތުތަކެއް ވަނީ ފަހިކޮށްދީފައެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ބަޔޯމެޓްރިކްސް (ދެނެގަންނަ މައުލޫމާތު) އެއްކުރުމަށްޓަކައި ސަރުކާރުން "ކުރަނގި އޮޕަރޭޝަން" ފަށާފައިވަނީ މޭ 2024 ގައެވެ.
މި އޮޕަރޭޝަނުގެ ދަށުން މިހާތަނަށް 191,723 އަށްވުރެ ގިނަ ބިދޭސީންގެ 10 އިނގިލީގެ ނިޝާނާއި ފޮޓޯ ނަގައި، ސަރުކާރުގެ މައި ޑޭޓާބޭސް ވަނީ އަޕްޑޭޓުކޮށްފައެވެ.




