އިޖުތިމާއީ ގޮތުން ރައްޔިތުންގެ ހާލަތު ބަލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ކުރިއަށްގެންދާ "ޙާލު ކިހިނެއް؟" ޕްރޮގްރާމްގެ ދަށުން ކ. ގުރައިދޫ މީހުން ދިރިއުޅޭ ހުރިހާ ގެތަކަށް ޒިޔާރަތްކޮށް ނިންމާލައިފިއެވެ.
މި ޕްރޮގްރާމްގެ ތެރެއިން "ޙާލު ކިހިނެއް" ޓީމުން ވަނީ ގުރައިދޫގެ ކޮންމެ ރަށެއްގެ މީހުން ދިރިއުޅޭ ހުރިހާ ގެއަކަށް ވަދެ، އާއިލާތަކުގެ ދިރިއުޅުމުގެ ހާލަތު ވަރަށް ގާތުން ބަލާފައެވެ. އަދި މި ޒިޔާރަތްތަކުގެ އެހީގައި ރަށުގައި ތިބި ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި، އެކަނިވެރި މައިން ނުވަތަ ބަަފައިން އަދި އަޅާލުން ބޭނުންވާ ދޮށީ އުމުރުގެ މީހުން ދެނެގަނެ، އެފަރާތްތަކުގެ މައުލޫމާތު ވަނީ އެއްކުރެވިފައެވެ.

ގުރައިދޫގައި މި ޕްރޮގްރާމް ކުރިއަށްދިޔައީ އެ ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (އަބްލިއުޑީސީ) ގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކުގައެވެ. މިނިސްޓްރީން ވަނީ މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލުމަށް ރަށު ކައުންސިލާއި ޑަބްލިއުޑީސީންނާއި ރަށުގެ ރައްޔިތުން ދެއްވި ބޮޑު އެހީތެރިކަމަށްޓަކައި ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ.
"ޙާލު ކިހިނެއް؟" ޕްރޮގްރާމަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ރައްޔިތުންގެ ގާތަށް ގޮސް، ދައުލަތުގެ އެހީތެރިކަމާއި ރައްކާތެރިކަން ބޭނުންވެ، ނަމަވެސް އެކި ސަބަބުތަކާހުރެ އެކަން ހިއްސާނުކުރެވިފައި ތިބި ފަރާތްތައް ދެނެގަތުމަށް ސަރުކާރުން ފަށާފައިވާ ގައުމީ ބޮޑު ކެމްޕޭނެކެވެ. މި ޕްރޮގްރާމްގެ ތެރެއިން އެއްކުރެވޭ މައުލޫމާތުތަކަށް ބިނާކޮށް، އެހީތެރިކަން ބޭނުންވާ އާއިލާތަކަށް ބޭނުންވާ ސޯޝަލް ސަޕޯޓާއި، މާލީ އެހީތެރިކަން އަދި ކައުންސިލިން ފަދަ ހިދުމަތްތައް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ފޯރުކޮށްދިނުމަށް ވަނީ ރޭވިފައެވެ.



