ޅ. ހިންނަވަރުގެ ކުރީގެ ފުޓްސަލް ދަނޑު ހަލާކުވެ، އެ ރަށުގެ ޒުވާނުން ކުޅިވަރުން މަހުރޫމްވެފައި އޮތްތާ 8 އަހަރު ފަހުން، ސަރުކާރުން އެ ރަށުގައި އަލަށް ގާއިމުކޮށްދެއްވި ފުޓްސަލް ދަނޑު ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއުގެ މަސައްކަތް އެ ކުންފުނިން އެއްކޮށް ނިންމާލާފައިވަނީ އަހަރެއްހާ ދުވަހުގެ ތެރޭގައެވެ.

މި ޒަމާނީ ފުޓްސަލް ދަނޑަކީ ފެންވަރު ރަނގަޅު ޓާފް އަޅައި، ރޭގަނޑުވެސް ކުޅެވޭ ގޮތަށް ލައިޓިން ސިސްޓަމް ހަރުކޮށް، ވަށާފާރާއި ފެންސް ޖަހައިގެން ފުރިހަމަކޮށްފައިވާ ދަނޑެކެވެ. ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ރާފިއު ވިދާޅުވީ، ރަށްރަށުގެ ޒުވާނުންނަށް ކުޅިވަރުގެ ވަސީލަތްތައް ގާއިމުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ ކަމެއް ކަމަށެވެ. އަދި ހިންނަވަރުގެ ޒުވާނުން އެތައް އަހަރެއް ވަންދެން އުފުލި ތަކުލީފުތަކަށް މި ދަނޑާއެކު ނިމުމެއް އައިސް، ރަށުގެ ކުޅިވަރުގެ ރޫހު އަލުން ދިރިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އައު ފުޓްސަލް ދަނޑު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށްފަހު، ވަޒީރު ރާފިޢު ވަނީ އެ ރަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން ފެށި "ގަނޑިޔަ ފުޓްސަލް ޗެލެންޖު" ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ. މިއީ ކުރީގެ ދަނޑު ހަލާކުވުމުގެ ސަބަބުން ހިންނަވަރުގައި ފުޓްސަލް މުބާރާތެއް ނުބޭއްވި 8 އަހަރު ދިއުމަށްފަހު، އެ ރަށުގައި ރަސްމީކޮށް ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތެވެ. މި މުބާރާތް ފެށުމާއެކު ރަށުގެ ރައްޔިތުންނާއި ޒުވާނުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިގެންގޮސްފައެވެ.

ކުޅިވަރު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ހިންނަވަރުގައި ފުޓްސަލް ދަނޑެއް އެޅުމުގެ އިތުރުން، އެ ރަށުގެ ބޮޑު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ހެދުމާއި ޓާފް އެޅުމުގެ މަސައްކަތް ވެސް މިހާރު ދަނީ ބާރުސްޕީޑުގައި ކުރިއަށެވެ. ސަރުކާރުގެ އަމާޒަކީ ހިންނަވަރުގެ ކުޅިވަރު އުމްރާނީ ވަސީލަތްތައް ފުރިހަމަކޮށް، އަތޮޅު ފެންވަރުގައާއި ގައުމީ ފެންވަރުގައި ވާދަކުރެވޭނެ ފަދަ މޮޅު ކުޅުންތެރިންތަކެއް އެ ރަށުން އުފެއްދުމަށް މަގުފަހިކޮށްދިނުމެވެ.



