ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ މަޝްރޫއު (ބޮޑުތަކުރުފާނު މަގު ނޯތުސައިޑް ރޯޑް ޑިވެލޮޕްމެންޓް ޕްރޮޖެކްޓް) ކުރިއަށްދާ ގޮތް ގެދޮރުވެރިކަމާއި ބިނާރާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ބައްލަވާލައްވައިފިއެވެ.
މިނިސްޓާރގެ މި ޒިޔާރަތުގައި އެމަނިކުފާނި އަރިހުގައި މި ވިލިމާލޭ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުހައްމަދު އިސްމާއީލް އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދީގެ އިތުރުން ސަރުކާރާއި އެމްޓީސީސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދާ ފޭސް 1 ގެ މަސައްކަތްތަކުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ. އެމްޓީސީސީން ހާމަކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، މި މަޝްރޫއުގެ ފޭސް 1 ގެ ޖުމްލަ މަސައްކަތުގެ %75 މިހާރު ވަނީ ނިމިފައެވެ. މީގެ ތެރޭގައި ސުވަރޭޖް (ނަރުދަމާ) އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާއިރު، މަގުގެ ދުވާރު ހެދުމާއި، ކޭބަލް އެޅުމަށް ކަނޑާ ވަޅުގަނޑުތައް ހެދުމާއި، ކާބްސްޓޯން ހަރުކުރުމުގެ މަސައްކަތްތައް ދަނީ ބާރުސްޕީޑުގައި ކުރިއަށެވެ. މީގެ އިތުރުން، އެ ސަރަހައްދުގެ ތޮށިގަނޑު ވަރުގަދަކުރުމަށްޓަކައި ހަދާ ކޭޕިން ކޮންކްރީޓްގެ މަސައްކަތްތައް ވެސް ދަނީ ނިމެމުންނެވެ.

މި ބޮޑު މަޝްރޫއަކީ މާލޭގެ އުތުރު ފަރާތުގެ ބޮޑުތަކުރުފާނު މަގުގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށްޓަކައި 14 މީޓަރަށް މަގު ފުޅާކޮށް، 4 ލޭނަށް ބަދަލުކުރުމަށް ހިންގާ މަޝްރޫއެކެވެ. މަޝްރޫއުގެ ތެރެއިން ލޯކަލް މާރުކޭޓުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ހިމެނޭ ސަރަހައްދާއި، މަސް މާރުކޭޓުން ފެށިގެން އަތޮޅު ފިހާރަތަކާ ހަމައަށް ހިމެނޭ ސަރަހައްދުތަކުގައި ތާރުއަޅައި، މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ. މިހާރު މައިގަނޑު ގޮތެއްގައި މަސައްކަތް ކުރިއަށްދަނީ އިއްޒުއްދީން ޖެޓީން ފެށިގެން ހެންވޭރު ފެރީ ޓާމިނަލްއާ ހަމައަށް ހިމެނޭ ސަރަހައްދުގެ ސެގްމެންޓްތަކުގައެވެ.

މި މަޝްރޫއުގެ އެންމެ މުހިންމު އެއް ބަޔަކީ މާލެއަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. އެގޮތުން، މަގުގައި އައު ސްޓޯމްވޯޓާ މެނޭޖްމަންޓް ސިސްޓަމެއް (ފެންހިންދާ ނިޒާމެއް) ގާއިމުކުރެވެމުންދާއިރު، އައު ޕަންޕް ސްޓޭޝަންގެ މަސައްކަތްތައް ވެސް ދަނީ ނިމުމަކާ ގާތްވަމުންނެވެ. މި މަޝްރޫއު އެއްކޮށް ނިމުމުން މާލޭގެ އުތުރު ބަނދަރުގެ ޖާގަ އިތުރުވެ، ހިނގާބިނގާވެ އުޅޭ މީހުންނަށާއި ދުއްވާ އުޅަނދުތަކަށް ރައްކާތެރި، އަދި ފެންބޮޑުވުމުގެ ބިރެއް ނެތް ޒަމާނީ މަގަކަށް ބޮޑުތަކުރުފާނު މަގު ބަދަލުވެގެންދާނެއެވެ.



