ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ހުއްދައެއް ނެތި ވަތް ސްރީ ލަންކާގެ މަސްބޯޓެއް 600,000 ރުފިޔާއިން ޖޫރިމަނާކޮށް، އެ ބޯޓު ދައުލަތަށް ނެގުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ހުއްދަނެތި ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ވަތް މައްސަލައެކެވެ.
މިދިޔަ ހަފުތާގައި ސިވިލް ކޯޓުން ކުރި ހުކުމުގައިވާ ގޮތުން، ޖޫރިމަނާގެ ގޮތުގައި ކަނޑައެޅި 600,000 ރުފިޔާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ބޯޓުގެ ވެރިފަރާތަށް ވަނީ އަމުރުކޮށްފައެވެ. އަދި ބޯޓު ހިފެހެއްޓި އިރު، އޭގެއިން ގިނަ އަދަދެއްގެ މަސް ފެނިފައިވާކަން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
މި މައްސަލައިގެ ޝަރީއަތުގައި ބޯޓުގެ ވެރިފަރާތުން ބުނެފައިވަނީ ރާއްޖޭގެ ސަރަހައްދަށް ވަދެވުނީ ގަސްދެއްގައި ނޫން ކަމަށެވެ. މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން ބޯޓު ސަރަހައްދަށް ވަދެވުނު ނަމަވެސް، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހުއްދަނެތި އެއްވެސް ވަރަކަށް މަސްވެރިކަން ކޮށްފައި ނުވާނެ ކަމަށް ބޯޓުގެ ވެރިފަރާތުން ވަނީ ޝަރީއަތުގައި ބުނެފައެވެ.
ބޯޓުން ގިނަ އަދަދެއްގެ މަސް ފެނިފައިވީ ނަމަވެސް، ބޯޓުގެ ވެރިފަރާތުން ވަނީ ރާއްޖޭގެ ސަރަހައްދުން މަސް ބާނާފައި ނުވާނެ ކަމަށް ބުނެފައެވެ. ނަމަވެސް ކޯޓުން ނިންމާފައިވަނީ ބޯޓު ޖޫރިމަނާކުރުމާއެކު ދައުލަތަށް ނެގުމަށެވެ.




