މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރިކުރުވުމަށްޓަކައި "ރޯޑް ސޭފްޓީ ވޯކް" ގެ ނަމުގައި ހާއްސަ ހިނގާލުމެއް ހުޅުމާލޭގައި މިއަދު ބާއްވައިފިއެވެ.
މި ހިނގާލުމުގައި މިނިސްޓަރު ގީލާ އަލީ އާއި، މާލެ ސިޓީ ކައުނސިލް މޭޔަރ އާދަމް އާޒިމްގެ އިތުރުން ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފަޓްމާ ޕޭޑަންގެ އިތުރުން ދާއިރާގެ މުހިންމު ހިއްސާދާރުންނާއި އާންމު ރައްޔިތުން ވަނީ ބައިވެރިވެފައެވެ. ހެލްތު މިނިސްޓްރީން އިންތިޒާމުކޮށްގެން ބޭއްވި މި ހަރަކާތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި މޯލްޑިވިއަން ރެޑްކްރެސެންޓާއި މާލެ ސިޓީ ކައުންސިލާއި އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި އިކޮނޮމިކް މިނިސްޓްރީ އާއި އެމްޓީސީސީ އާއި އެމްޕީއެލްއާއި އެޗްޑީސީ އަދި އެޑިއުކޭޝަން މިނިސްޓްރީން ބައިވެރިވިއެވެ.
މި ހިނގާލުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މަގުމަތީގެ ސަލާމަތީ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކޮށްފިނަމަ، މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތަކަކީ ހުއްޓުވޭނެ ކަންކަން ކަމަށެވެ. އަދި ރާއްޖޭގައި އެވްރެޖްކޮށް އަހަރަކު 2،500 އެކްސިޑެންޓް ހިނގާއިރު، 2025 ވަނަ އަހަރު 2،289 އެކްސިޑެންޓް އަދި 2026 ވަނަ އަހަރުގެ މިހާތަނަށް 1,137 އެކްސިޑެންޓް ހިނގާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެތެރެއިން ގިނަ އެކްސިޑެންޓްތައް ދިމާވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް ކަމަށްވާއިރު، ޒުވާނުން ރައްކާތެރިކުރުމަކީ ގައުމީ ފެންވަރުގައި އެންމެ އިސްކަމެއް ދޭންޖެހޭ ކަންތައް ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިއަދު ބޭއްވުނު ހިނގާލުމަކީ ހަމައެކަނި ހޭލުންތެރިކަން އިތުރުކުރުމަށް ބޭއްވި ހަރަކާތެއް ނޫނެވެ. މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތަކުގެ ހަގީގީ މަންޒަރު އާންމުންނަށް ދައްކާލައި، އެފަދަ ހާދިސާތަކުގެ ނުރައްކާތެރިކަން ވިސްނައިދިނުމުގެ ގޮތުން، ހިނގާލުމުގެ ތެރެއިން ވަނީ އެކްސިޑެންޓްތައް ހިނގާ ގޮތް ދައްކުވައިދޭ އެކްސިޑެންޓް ސީންތަކެއް ސިފަކޮށްދީފައެވެ.

މީގެ އިތުރުން، އެކްސިޑެންޓެއް ހިނގާ ވަގުތު ކޮންމެ ސިކުންތަކީވެސް ފުރާނައާ ގުޅިފައިވާ މުހިންމު ވަގުތަކަށްވާތީ، އެފަދަ ހާލަތްތަކުގައި އަމަލުކުރާނެ ގޮތް ދަސްކޮށްދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވިއަން ރެޑް ކްރެސެންޓް ގުޅިގެން ވަނީ ފަސްޓް އެއިޑް (ފުރަތަމަ އެހީ) ދޭނެ ގޮތުގެ ލައިވް ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ.
މި ހިނގާލުމުގެ ކާމިޔާބީއަށްފަހު، ރާއްޖޭގެ މަގުތަކަކީ އެންމެންނަށްވެސް އަމާން ތަނަކަށް ހެދުމުގެ އަޒުމުގައި މޯލްޑިވްސް ޕޮލިސް ސާވިސް، މޯލްޑިވިއަން ރެޑް ކްރެސެންޓް، އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން، މަގުމަތީގެ ސަލާމަތާ ގުޅޭ ދިގުމުއްދަތުގެ ޕްރޮގްރާމްތައް ވަރުގަދަކުރުމަށް ވަނީ ނިންމާފައެވެ.




