އަންހެން ކުއްޖެއްގެ ސައިކަލު ފުލުހުން ޓޯކޮށް، ފަހުން އެ ސައިކަލު ނައްތާލި މައްސަލައިގައި ފުލުހުންގެ ފަރާތުން އެއްވެސް ބަދަލެއް ދޭން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މިއީ 2021 ވަނަ އަހަރު، ކޮވިޑް-19 އަށް ފައްސިވެގެން ކަރަންޓީނުކޮށްފައި ހުރި އަންހެން ކުއްޖެއްގެ ސައިކަލު ފުލުހުން ޓޯކުރުމަށްފަހު، ފަހުން އެ ސައިކަލު ނައްތާލާފައިވާތީ ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ފުލުހުންނާ ދެކޮޅަށް ކުރި ދައުވާއެކެވެ.
މި މައްސަލައިގައި އަންހެން ކުއްޖާގެ ފަރާތުން ސައިކަލުގެ އަގާއި، ސައިކަލު ސާވިސް ކުރުމަށާއި ފީ ދެއްކުމަށް ހިނގި ޚަރަދުތައް ހިމެނޭހެން ޖުމްލަ 84،000 ރުފިޔާ ބަދަލުގެ ގޮތުގައި ހޯދުމަށް އެދިފައިވެއެވެ.
މައްސަލަ ނިންމި ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި، ފުލުހުން އެ ސައިކަލު ޓޯކުރީ ލައިސެންސް ނެތް އެހެން މީހަކު އެ ސައިކަލު ދުއްވަނިކޮށެވެ. އެގޮތުން 15 ދުވަހުގެ މުއްދަތަށް ސައިކަލު ޓޯކުރި ނަމަވެސް، އޭގެ ފަހުން 60 ދυވަސް ވެގެން ދިޔައިރު ވެސް އަންހެން ކުއްޖާގެ ފަރާތުން ސައިކަލާ ހަވާލުވާން ގޮސްފައެއް ނުވެއެވެ.
އަދި ފަހުން ފުލުހުން އެކަމާ ގުޅޭގޮތުން އިއުލާން ކުރުމުން ވެސް ސައިކަލާ ހަވާލުވާން ނައުމުން ފުލުހުން ވަނީ ސައިކަލު ނައްތާލާފައެވެ. އަންހެން ކުއްޖާގެ ފަރާތުން ކޯޓަށް ދައުވާ ހުށަހެޅީ ސައިކަލު ނައްތާލި ފަހުންނެވެ.
މިދިޔަ ހަފްތާގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ، ފުލުހުން އިއުލާން ކުރުމުން ވެސް ސައިކަލާ ހަވާލުވާން ގޮސްފައިނުވާތީ، ސައިކަލު ނައްތާލި މައްސަލައިގައި ފުލުހުންގެ ފަރާތުން ބަދަލު ދޭން ޖެހޭނެ ގާނޫނީ އެއްވެސް ތަނެއް ނެތް ކަމަށެވެ.




