ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި އިންތިޚާބުވުމަށްފަހު، އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވި މައްސަލައިގައި ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީގެ ގޮނޑި ގެއްލިއްޖެ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅައިފިއެވެ.
ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ތިނަދޫ ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުވި ޝުޖާއު، އިދިކޮޅު އެމްޑީޕީއާ ގުޅުމާ ގުޅިގެން މީގެ މަހެއްހާ ދުވަސް ކުރިން އެލްޖީއޭއިން އޭނާ މަގާމުން އެކަހެރިކުރިއެވެ. އަދި އެލްޖީއޭގެ ބޯޑުން ވަކި ގޮތެއް ނިންމަންދެން އޭނާއަށް ހުރީ ގޭގައި މަޑުކުރަން އަންގާފައެވެ. ޝުޖާއުގެ ގޮނޑި ގެއްލިފައިވާ ކަމަށް އެލްޖީއޭއިން މިހާރު ކަނޑައެޅުމާ ގުޅިގެން، ތިނަދޫ ކައުންސިލް ހިންގުން މިހާރު ވަނީ ވަގުތީ ގޮތުން ކައުންސިލްގެ ނައިބާ ހަވާލުކޮށްފައެވެ.
އެލްޖީއޭ އިން ބުނި ގޮތުގައި، ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވާ ކައުންސިލަރަކު، އެ ހިނގާ ދައުރެއްގެ ތެރޭގައި އެހެން ޕާޓީއަކަށް ބަދަލުވެ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ދަފްތަރުގައި ހިމެނިއްޖެނަމަ، އަމިއްލައަށް މަގާމުން ވަކިވާނެ ކަމަށް ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވެއެވެ.
ޝުޖާއުގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅިއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި "ދަ ޑިމޮކްރެޓްސް" އަކީ ގާނޫނުގައި ބުނާ 3,000 މެންބަރުން ހަމަނުވާ ޕާޓީއަކަށް ވާތީ، ވަރަށް ފަހުން އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޕާޓީ އުވާލާފައެވެ.
އެ ޕާޓީ އުވުމުގެ ކުރިން ވެސް ރައީސް ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް ޑިމޮކްރެޓްސްގެ ގިނަ މެންބަރުންތަކެއް ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. ނަމަވެސް ގާނޫނު އޮތްގޮތުން، އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ދައުރުގެ މެދުތެރެއިން ބަދަލުވުމުން ޝުޖާއުގެ ކައުންސިލް ގޮނޑި މިހާރު މިވަނީ ގެއްލިފައެވެ.



