އިންޑިއާއިން ރާއްޖެއަށް އެކްސްޕޯޓު ކުރާ ޕެޓްރޯލާއި ޑީސަލުން ނަގަމުން އައި ޓެކުހުގެ ބާވަތެއް ކަމަށްވާ 'ރޯޑް އެންޑް އިންފްރާސްޓްރަކްޗާ ސެސް' (އާރުއައިސީ) ކަނޑާލަން އެ ގައުމުގެ ސަރުކާރުން އިއްޔެ ވަނީ ނިންމާފައެވެ. އިންޑިއާގެ ގެޒެޓުގައި މިދިޔަ އަންގާރަ ދުވަހު ޝާއިއުކުރި މި ނިންމުމާއެކު، ރާއްޖޭގެ އިތުރުން މޮރިޝަސްއަށް ވެސް ވަނީ މި ލުއި ދީފައެވެ.
އާރުއައިސީ އުނިކުރަން އިންޑިއާ ސަރުކާރުން ނިންމާފައިވަނީ އެ ގައުމުގެ ސަރުކާރު ހިއްސާވާ ތެޔޮ ކުންފުނިތަކުން އެކްސްޕޯޓު ކުރާ ތެލުންނެވެ. މީގެ ކުރިން މިފަދަ ލުއިތަކެއް އިންޑިއާއިން ދެމުން އައީ ނޭޕާލް، ބޫޓާން، ބަންގްލަދޭޝް އަދި ސްރީ ލަންކާއަށެވެ. ނަމަވެސް އަލަށް ގެނައި އިސްލާހާއެކު މި ލިސްޓަށް ރާއްޖެއާއި މޮރިޝަސް ވަނީ އިތުރުކޮށްފައެވެ. ގެޒެޓުގައި ޝާއިއުކުރި ދުވަހުން ފެށިގެން މި އިސްލާހަށް އަންނަނީ އަމަލުކުރަމުންނެވެ.
ބަދަލާ ގުޅިގެން އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ ތެލުގެ އަގު ހެޔޮވެގެންދާނެއެވެ. އެހެން ނަމަވެސް، ރާއްޖެއަށް މައިގަނޑު ގޮތެއްގައި ޕެޓްރޯލާއި ޑީސެލް އެތެރެކުރާ ގައުމުތަކުގެ ތެރޭގައި އިންޑިއާއެއް ނުހިމެނެއެވެ.
ރާއްޖެއިން ޕެޓްރޯލާއި ޑީސެލް އެތެރެކުރުމުގައި އެންމެ ބޮޑަށް ބަރޯސާވަނީ އޮމާން އަށެވެ. މީގެ އިތުރުން މެލޭޝިއާ، ޔޫއޭއީ އަދި ސިންގަޕޫރުން ވެސް ޑީސެލް އެތެރެކުރާއިރު، ޕެޓްރޯލާއި ޖެޓް ފިއުލް އެތެރެކުރާ ގައުމުތަކުގެ ތެރޭގައި ސިންގަޕޫރު، މެލޭޝިއާ އަދި ޔޫއޭއީ ހިމެނެއެވެ.
ރާއްޖެއިން އިންޑިއާގެ ތެލަށް ބަރޯސާ ނުވި ނަމަވެސް، އީރާން ހަނގުރާމައިގެ ސަބަބުން ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ ތާށިކަމެއް އަތުވެދާނެ ކަމަށް ބަލައި، އެކަމަށް ތައްޔާރުވުމުގެ ގޮތުން އިންޑިއާއިން ތެޔޮ ގަންނަން މީގެ ކުރިން ދެ ގައުމުގެ ދެމެދުގައި މަޝްވަރާ ކޮށްފައިވެއެވެ.



