ހުޅުމާލެ 1 ގައި ހުންނަ ފްލެޓް 110 ގައި ރޭ މެންދަމު ހިނގި އަލިފާނުގެ ހާދިސާއެއްގައި ބަޔަކަށް އަނިޔާވެ، އެ އިމާރާތަަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި އަލިފާނުގެ ހާދިސާގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ ރޭ މެންދަމު 1:10 ހާއިރެވެ. ރިޕޯޓް ލިބުމާއެކު ފަޔަ ފައިޓަރުން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން، ރޭ މެންދަމު 1:23 ހާއިރު އަލިފާން ވަނީ އެއްކޮށް ނިއްވާލާފައެވެ.
އަލިފާން ރޯވި އެޕާޓްމަންޓަކީ އިމާރާތުގެ އެންމެ ތިރީގައި ހުންނަ ބައި ކަމަށްވާއިރު، މި ހާދިސާގެ ސަބަބުން އެތަން ވަނީ ދިރިނޫޅެވޭ ވަރަށް އަނދާފައެވެ. ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކުރި ގޮތުގައި މި ހާދިސާގެ އަސަރު ގިނަ ބަޔަކަށް ވަނީ ކޮށްފައެވެ.
އެތަނުގައި ދިރިއުޅޭ 7 ދިވެހިންގެ ތެރެއިން 5 މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނެވެ. މީގެ ތެރެއިން އެކެއްގެ އަތާއި ފައިގެ 12 ޕަސެންޓް ވަނީ ފިހިފައެވެ. މި ގޭގައި ދިރިއުޅެނީ 18 އަހަރުން ދަށުގެ ކުޑަ ދެ ކުދިންނާއި 18 އަހަރުން މަތީގެ ފަސް މީހުންނެވެ.
އިމާރާތުގެ 1 ވަނަ އަދި 3 ވަނަ ފަންގިފިލާގެ ދެ އެޕާޓްމަންޓަކަށް ވަނީ ދިރިނޫޅެވޭ ވަރަށް ދުމުގެ އަސަރުކޮށްފައެވެ.
ވަގުތީ ބޯހިޔާވަހިކަން: ދުމުގެ އަސަރުކުރި އެޕާޓްމަންޓްތަކުގައި އުޅޭ އިތުރު 8 ދިވެހިންނަށް ރޭ ވަނީ ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ 18 އަހަރުން މަތީގެ 6 މީހަކާއި 4 އަހަރުގެ ދެ ކުދިންނެވެ.
އެންޑީއެމްއޭ އިން ފުލުހުންނާ ހަވާލާދީ ބުނި ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ އެޕާޓްމަންޓުގެ ސިޓިންރޫމްގައި އޮތް 'ޓޫލް މެލްޓިން ޑިވައިސް' އެއްގައި ރޯވެގެން ކަމަށް ބެލެވެއެވެ.
"އެންޑީއެމްއޭ އިން މިހާރު ދަނީ އެ އާއިލާއަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ޒަރޫރީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން،" އެ އިދާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.



