އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ) މަރާލުމުގެ ކުށުގައި، އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް އުމުރު ދުވަހަށް ނުވަތަ 25 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގައި ދިރިއުޅެމުން ދިޔަ މޭރީ މަރާލާފައިވަނީ 19 އޮކްޓޫބަރު 2021 ގައެވެ. މި މައްސަލާގައި މާވިން ކުރިން ބުނަމުންދިޔައީ މޭރީ އަމިއްލައަށް މަރުވީ ކަމަށެވެ. އެކަމަކު، ކްރިމިނަލް ކޯޓުން މިދިޔަ މަހު އިއްވި ނިންމުމުގައި ބުނެފައިވަނީ މޭރީގެ ހަށިގަނޑުން ދަންޖެހިފައިވާކަމުގެ އެއްވެސް ނިޝާނެއް ނުފެންނަ ކަމަށެވެ. އޭގެ ބަދަލުގައި ފެންނަން ހުރީ ނޭވާ ހާސްކޮށްލަން އުޅެފައިވާ ކަމުގެ ނިޝާންތަކާއި، މަރާލުމުގެ ނިޔަތުގައި ގަސްތުގައި އެހެން މީހަކު ކަރާއި ބޮލަށް ދީފައިވާ އަނިޔާތަކެކެވެ.
ހެކިތަކުން ސާބިތުވާ ގޮތުގައި މޭރީއަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން މަރާލީ މާވިން އާއި އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އައިޖީއެމްއެޗުގެ ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާ އަބްދުއްރަހްމާނެވެ. މި ދެ މީހުން ދުރާލާ ރާވައިގެން މޭރީ މަރާލީ، ލަމްހާ އާއި މާވިންގެ ދެމެދު އޮތް ލޯބީގެ ގުޅުމުގެ ތެރެއިން ކައިވެނިކުރަން ބޭނުންވެ، އެކަމުގެ ހުރަހަކަށް މޭރީ ވުމުންނެވެ. މާވިންގެ މައްޗަށް އެނގި ހުރެ މީހަކު މެރުމުގެ ދައުވާ ސާބިތުވާ ކަމަށް މިދިޔަ މަހު ކަނޑައެޅި ނަމަވެސް، އަދަބު ކަނޑައެޅުން ފަސްކޮށްދިނީ އޭނާ އެދިގެންނެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން އެެދުނީ، މާވިންގެ ފަރާތުން މައުސޫމް ފުރާނެއް ގެއްލިގެންދިޔަ އެ ރަހުމްކުޑަ އަމަލަށް ދެވެން އޮތް އެންމެ ބޮޑު އަދަބު ކަމަށްވާ 25 އަހަރުގެ ޖަލު ހުކުމެއް އިއްވައިދިނުމަށެވެ. ދައުލަތުގެ ވަކީލު އައިޝަތު އަޒްލީނާ ފާހަގަކުރެއްވި ގޮތުގައި މާވިންއަކީ މަރުވި މީހާގެ ފިރިމީހާގެ އިތުރުން އެމީހުންގެ ދަރިފުޅުގެ ބައްޕައެވެ. ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ފަދަ މަގާމެއްގައި ހުރެ، އަމިއްލަ އެދުމެއްގައި ހިންގި މި އަމަލުގެ ސަބަބުން، އުފަން ނޫން ފަސްގަނޑެއްގައި ކުޑަކުއްޖެއްގެ މަންމަ ގެއްލި އެ ކުއްޖާއަށް އިއާދަނުކުރެވޭވަރުގެ ދާއިމީ ބޮޑު ގެއްލުމެއް ވަނީ ލިބިފައެވެ.
މީގެ އިތުރުން މާވިންއަކީ މީހުންގެ ފުރާނަ ސަލާމަތްކުރުމުގެ ޒިންމާ އޮތް ހޮސްޕިޓަލެއްގައި މަސައްކަތްކުރަމުންދިޔަ މީހަކަށްވެފައި، މިފަދަ އަމަލެއްގެ ސަބަބުން ނުކުމެދާނެ ނަތީޖާއާ މެދު ވިސްނާނުލެވޭވަރުގެ ބުއްދިނެތް މީހެއް ނޫންކަމަށް ދައުލަތުން ބުންޏެވެ. އަދި މިއީ ސިއްހީ ދާއިރާއަށް ކުރާ އިތުބާރާ މެދު ވެސް ރައްޔިތުންގެ މެދުގައި ސުވާލު އުފެދޭނެ ކަމެއްކަން ދައުލަތުން ފާހަގަކުރިއެވެ.
މާވިންގެ ވަކީލު އިސްމާއިލް މުހައްމަދު ވިދާޅުވީ، މާވިންއަކީ ރާއްޖޭގައި ޒިންމާދާރު ވަޒީފާއެއް އަދާކުރަމުން، ޒިންމާދާރުކަމާ އެކު އާއިލާއެއް ބިނާކުރަމުން އައި ރަނގަޅު ސުލޫކެއްގެ ވެރިއެއް ކަމަށެވެ. އަދި އޭނާގެ އެއްވެސް ކުށުގެ ރެކޯޑެއް ކުރިން ނެތުމާއި، މިހާރު އިސްލާމްދީން ގަބޫލުކޮށް، "ޔޫސުފް" ގެ ނަމަށް ނަން ވެސް ބަދަލުކޮށްފައިވާތީ އޭނާއާ މެދު އަދުލުވެރިވާންޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ދިފާއީ ވަކީލު އެދިވަޑައިގަތީ ގާނޫނުން ދެވެން އޮތް އެންމެ ލުއި އަދަބެއް ދެއްވުމަށެވެ.
ދެ ފަރާތުގެ ވާހަކަތަކަށް ފަހު، މި މައްސަލަ ބެއްލެވި ގާޒީ މުޒަންމިލް ނަސީރު ވަނީ މާވިންގެ މައްޗަށް ޖުމްލަ 25 އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅުއްވާފައެވެ. ނަމަވެސް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު ކެނޑުމަށްފަހު، މިހާރު ތަންފީޒުކުރަންޖެހޭނީ 20 އަހަރާއި 3 މަހާއި 26 ދުވަހުގެ ޖަލު އަދަބެކެވެ.
އަދަބު މަތިކުރި ސަބަބުތަކުގެ ތެރޭގައި ގާޒީ މުޒަންމިލް ފާހަގަކުރެއްވީ، މޭރީ މަރާލުމަށް ފަހު އެ އަމަލު ފޮރުވުމަށް (އަމިއްލައަށް މަރުވީ ކަމަށް ބުނެ) މަސައްކަތްކޮށްފައިވުމެވެ. އަދި މި މަރުގެ އަމަލު ހިންގާފައިވަނީ އިންސާނެއްގެ ގަދަރާއި ކަރާމާތަށް އެއްވެސް އިހުތިރާމެއްނެތި ކަމަށްވާތީ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.
މި މައްސަލާގައި ބައިވެރިވި އަދި ކުށް ސާބިތުވެފައިވާ އައިޖީއެމްއެޗުގެ ދިވެހި ނަރުސް ހަލީމަތު ލަމްހާގެ މައްޗަށް އަދަބު ކަނޑައެޅުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސް ވެސް މިއަދު މެންދުރުފަހު 2:00 ގައި ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.



