ގައުމީ ދާރުލްއާސާރު ބެލެހެއްޓުމާއި މަރާމާތުކުރުމުގެ ބޮޑު މަސައްކަތެއް ޗައިނާ ސަރުކާރާ ގުޅިގެން ފެށުމަށް ތައްޔާރުވަމުންދާ ކަމަށާއި، އެކަމަށް ބޭނުންވާ ފައިސާވެސް މިހާރު ހަމަޖެހިފައިވާ ކަމަށް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ހާމަކުރައްވައިފިއެވެ. މިނިސްޓަރު މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ހީނާ ވިދާޅުވި ގޮތުގައި ގައުމީ ދާރުލްއާސާރުގައި މިވަގުތުވެސް 700 އެއްހާ ތާރީޚީ އާސާރު ޑިސްޕްލޭކޮށްފައި އެބަހުއްޓެވެ. މީގެ ތެރޭގައި ރާއްޖޭގެ އެވޭލާ ތާރީޚު ރަމްޒުކޮށްދޭ، 1،500 އަހަރަށް ވުރެ ގިނަ ދުވަސްވީ އަގުބޮޑު އާސާރުތައްވެސް ހިމެނެއެވެ. ނަމަވެސް، އެ ތަކެތީގެ ދަރަޖަކުރާ މިންގަނޑުތައް ހިފެހެއްޓުމުގައާއި، އެކަށީގެންވާ ގޮތެއްގައި އެތަކެތި މިންކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގައި މިހާރު ގިނަ ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.
މިހާރު ބޭނުންކުރަމުންދާ ގައުމީ ދާރުލްއާސާރުގެ ޒަމާނީ އިމާރާތަކީވެސް ޗައިނާ ސަރުކާރުގެ 5 މިލިއަން ޑޮލަރުގެ ދީލަތި އެހީގައި ބިނާކޮށްފައިވާ ތަނެކެވެ. އެ އިމާރާތުގެ މަސައްކަތް މުޅިން ނިންމައި ދިވެހި ސަރުކާރާ ހަވާލުކުރީ 2010 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.
"ގައުމީ ދާރުލްއާސާރު ތަރައްގީކުރުމަށްޓަކައި ނުވަތަ ގައުމީ ދާރުލްއާސާރު މިހާރު ހުރި ވަރަށް ވުރެ އިތުރަށް މަރާމާތުކޮށް ބެލެހެއްޓުމަށްޓަކައި ޗައިނާ ސަރުކާރާ ގުޅިގެން އަޅުގަނޑުމެން މިދަނީ މަސައްކަތްތަކެއް ކުރަމުން. އެކަމަށް ބޭނުންވާ ފަންޑިންއާ އެއްޗެހި ހަމަޖެހި އެކަން ވަރަށް އަވަހަށް ފެށިގެންދާނެ." މިނިސްޓަރު ހީނާ ވިދާޅުވިއެވެ.
ދާރުލްއާސާރުގެ ޚިދުމަތް އާ އިމާރާތުގައި ފެށިފަހުން، އެތަނަށް ބޭނުންވާ ފަދަ އެކަށީގެންވާ ބޮޑު މަރާމާތެއް މިހާތަނަށް ކުރެވިފައެއް ނުވެއެވެ. އެހެންކަމުން، ރާއްޖޭގެ އަގުނުކުރެވޭފަދަ ތަރިކަ ރައްކާތެރިކުރުމަށްޓަކައި އެތަން މިހާރު އޮތީ ވަރަށް ބޮޑަށް ތަރައްގީކުރަން ޖެހިފައި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ގައުމީ ދާރުލްއާސާރެއް ހުޅުވާފައިވަނީ 19 ނޮވެންބަރު 1952 ގައި އޭރުގެ ވަޒީރުލްއައުޒަމް މުހައްމަދު އަމީނުގެ ބެއްލެވުމުގެ ދަށުންނެވެ. މިހާރު ބޭނުންކުރާ އާ އިމާރާތުގެ ބިންގާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަޅުއްވައިދެއްވިއިރު، އެތަން ރަސްމީކޮށް ހުޅުވައި ބޭނުންކުރަން ފަށާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ.
ގައުމީ ދާރުލްއާސާރަކީ ރާއްޖޭގެ މުއްސަނދި ތާރީޚާއި، ތަރިކަ އަދި ސަގާފަތުގެ ހުރިހާ މައުލޫމާތެއް އެއްފުރާޅެއްގެ ދަށުން ފެންނަން ހުރި އެންމެ މުހިންމު ބިނާއެވެ. އެވޭލާ ޒަމާނުން ފެށިގެން ރާއްޖެއަށް އައިސްފައިވާ ބަދަލުތަކާއި، ތަރައްގީގެ މަރުހަލާތަކުގެ އިތުރުން ރަސްރަސްކަލުންގެ ދައުރުތަކުގެ ފުރިހަމަ މައުލޫމާތު މި މަރުކަޒުން ދިރާސާކުރާ ފަރާތްތަކަށާއި ޒިޔާރަތްކުރާ މީހުންނަށް ފޯރުކޮށްދެއެވެ.




