އެކި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހި ނުދައްކާ ހުރި ފައިސާ ހޯދުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކުރި މަސައްކަތުން، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 2 ބިލިޔަން ރުފިޔާ ހޯދައިފިއެވެ. މިއީ މީރާއިން އާއްމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ރިޕޯޓުން ހާމަވި މުހިންމު ތަފްސީލުތަކެކެވެ.
މީރާގެ ރިޕޯޓުގައިވާ ގޮތުން ނުލިބި ހުރި ފައިސާ ހޯދުމަށް އެކި މަރުހަލާތަކެއްގައި ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން ޑަނިންގ ނުވަތަ އެކި ގޮތްގޮތުން މުއާމަލާތްކޮށްގެން އެންމެ ގިނަ ފައިސާ ހޯދާފައިވާއިރު، އެއީ 1.2 ބިލިޔަން ރުފިޔާއެވެ. މީގެ އިތުރުން ޑިއުސް ކްލިއަރަންސްގެ ޒަރީއާއިން 617 މިލިޔަން ރުފިޔާ ވަނީ ދައުލަތަށް ހޯދާފައެވެ.
ހަމައެއާއެކު، ހަނދާންކޮށްދިނުމަށް ގުޅައިގެންނާއި މެއިލްކޮށްގެން 151 މިލިޔަން ރުފިޔާ ހޯދާފައިވާއިރު، ބޭންކް އެކައުންޓް ފްރީޒްކުރުމުގެ ޕޮލިސީގެ ދަށުން 13.5 މިލިޔަން ރުފިޔާ ވަނީ ހޯދައިފައެވެ. އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކޮށްގެން 13.1 މިލިޔަން ރުފިޔާ ހޯދާފައިވާ ކަމަށްވެސް މީރާގެ ރިޕޯޓުން އެނގެއެވެ.
ފުރަތަމަ ކުއާޓަރުގެ ތެރޭގައި ޓެކްސް ބަޔާން ހުށަނާޅާ ތިބި 10،701 ފަރާތަކަށް މީރާއިން ވަނީ އެކަން ހަނދާންކޮށްދީފައެވެ. މީގެ އިތުރުން ދައުލަތަށް ފައިސާ ދައްކަންޖެހި ނުދައްކާ ތިބި 5،776 ފަރާތަކަށްވެސް އެކަން ހަނދާންކޮށްދީ، ފައިސާ ދެއްކުމަށް ފައިނަލް ނޯޓިސް ވަނީ ހަވާލުކޮށްފައެވެ.
ދައުލަތަށް ފައިސާ ދައްކަންޖޭ ފަރާތްތަކުގެ ތެރެއިން ގަވާއިދުން ފައިސާ ނުދެއްކޭ ފަރާތްތަކަށް މީރާއިން ވަނީ ލުއިގޮތްތަކެއްވެސް ހަމަޖައްސައިދީފައެވެ. އެގޮތުން ފައިސާ އެކި ދުވަސްތަކަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމު 176 ފަރާތަކަށް ހަމަޖައްސައިދީފައިވެއެވެ. މިއީ ޖުމްލަ 256 މިލިޔަން ރުފިޔާގެ ޓެކްސް ފައިސާ ކަމަށް މީރާގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.



