ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން "ދިސް އިޒް މައި މޯލްޑިވްސް" ގެ ނަމުގައި ބައިނަލްއަޤުވާމީ ބޮޑު ފޮޓޯގްރަފީ މުބާރާތެއް ހުޅުވާލައިފިއެވެ.
މި މުބާރާތަކީ ކޮންޓެންޓް ކްރިއޭޝަން ދާއިރާގައި ހަރަކާތްތެރިވާ ފަންނުވެރިންގެ ނަޒަރުން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ސަގާފަތް ދުނިޔެއަށް ހާމަކޮށްދިނުމަށް ހުޅުވާލި ރަން ފުރުޞަތެކެވެ. މި މުބާރާތް ރަސްމީކޮށް އިޢުލާނުކޮށްފައިވަނީ ވީއެމްސީގެ އާ ޕްލެޓްފޯމް "ކްރިއެޓޯލް" އިފްތިތާޙު ކުރުމަށް ޕީއެސްއެމްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 50،000 ރުފިޔާގެ ނަގުދު ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތް ރަސްމީކޮށް ކުރިއަށްދާނީ މާދަމާ (1 ޖުލައި) އިން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ 30 ގެ ނިޔަލަށެވެ. މިއީ ހުރިހާ ފަންތިއެއްގެ ފޮޓޯގްރާފަރުންނަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާ މުބާރާތެކެވެ.
މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހެނީ ރާއްޖޭގެ ރަށްތަކާއި، ދިވެހިންގެ އާންމު ދިރިއުޅުމާއި، ސަޤާފީ މުއްސަނދިކަމާއި، ތިމާވެށި އަދި ތަފާތު ތަޖުރިބާތައް ރަމްޒުކޮށްދޭ އަމިއްލަ ފޮޓޯތަކެވެ. ހުށަހަޅާ ފޮޓޯތަކަކީ ރާއްޖޭގައި ނަގާފައިވާ އަމިއްލަ އުފެއްދުންތަކަށް ވާންޖެހޭނެއެވެ. ފޮޓޯގެ ކޮޕީރައިޓް ފޮޓޯގްރަފަރަށް އޮތް ނަމަވެސް، މުބާރާތަށް ހުށަހަޅާ ފޮޓޯތައް ރާއްޖެ އިޝްތިހާރު ކުރުމަށާއި ސަރުކާރުގެ ރަސްމީ އެކި ބޭނުންތަކުގައި ބޭނުންކުރުމުގެ ހުއްދަ ވީއެމްސީއަށް ލިބިގެންދާނެއެވެ.
ފޮޓޯގްރަފީ މުބާރާތް އިޢުލާނުކުރުމުގެ އިތުރުން، ވީއެމްސީއިން ވަނީ "ކްރިއޭޓޯލް" ގެ ނަމުގައި އާ ޕްލެޓްފޯމެއްވެސް މި ރަސްމިއްޔާތުގައި އިފްތިތާޙުކޮށްފައެވެ. ކްރިއޭޓޯލްއަކީ ރާއްޖޭގެ ވިޝުއަލް އަދި ސަޤާފީ އުފެއްދުންތަކަށް ޚާއްޞަކޮށްގެން ތަރައްޤީކޮށްފައިވާ ޤައުމީ ޑިޖިޓަލް މާކެޓް ޕްލޭސްއެކެވެ.
މި ޕްލެޓްފޯމް މެދުވެރިކޮށް ރާއްޖޭގެ އުފެއްދުންތެރިންނާއި، ފަތުރުވެރިކަމުގެ ވިޔަފާރިތަކާއި، މީޑިއާ އިދާރާތަކާއި، ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން ބޭރުގެ މިޝަންތައް އެއް ވިއުގައަކުން ގުޅުވައިދޭނެއެވެ.
ވިޒިޓް މޯލްޑިވްސްއިން ބުނިގޮތުގައި، "ދިސް އިޒް މައި މޯލްޑިވްސް" މުބާރާތަކީވެސް ކްރިއޭޓޯލް ޕްލެޓްފޯމް ތައާރަފްކޮށް، މި ދާއިރާގެ ފަންނުވެރިންނަށް ފަހި ފުރުޞަތުތަކެއް ހޯދައިދިނުމަށް އެ ކޯޕަރޭޝަނުން ކުރިއަށްގެންދާ ފުޅާ މަސައްކަތްތަކުގެ ތެރެއިން ހިންގޭ މުހިންމު ހަރަކާތެކެވެ.




