މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އިން މަދަނީ ޖަމުޢިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގްރާންޓް ޕްރޮގްރާމަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ގްރާންޓަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) ގެ އެހީތެރިކަމާއެކު ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ "ސްޓްރެންތެނިންގ ޖެންޑަރ އިންކްލޫސިވް އިނިޝިއޭޓިވްސް" (އެސް.ޖީ.އައި.އައި) މަޝްރޫޢުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ އެހީއެކެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ "މިންތީގެ ހަމަހަމަކަން ޤާއިމުކުރުމުގެ ޤައުމީ އެކްޝަން ޕްލޭން (2022-2026)" އާއި "އުމުރުން ދުވަސްވީ މީހުންގެ ޤައުމީ ސިޔާސަތު (2025-2028)" ގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލުކުރުމެވެ. މިގޮތުން މަދަނީ ޖަމުޢިއްޔާތަކުން އިސްނަގައިގެން ސިޓީ އަދި ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ގުޅިގެން އައު މަޝްރޫޢުތައް ފެށުމަށް ބޭނުންވާ ފަންނީ އިރުޝާދާއި މާލީ އެހީތެރިކަން މި ޕްރޮގްރާމްގެ ދަށުން ފޯރުކޮށްދެވޭނެއެވެ.
މި އެހީ ޚާއްސަކުރެވިފައިވަނީ މައިގަނޑު ދެ ދާއިރާއަކަށެވެ. އެއީ ގެވެށި އަނިޔާއާއި، ވަކި ޖިންސަކަށް ވީތީ ކުރެވޭ އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރުމާއި، އިސްރަށްވެހިންގެ ދުޅަހެޔޮކަމާއި ލާބައަށް އަމާޒުކޮށްގެން ހިންގާ މަޝްރޫޢުތަކަށެވެ. މިކަމާ ގުޅޭ ތަފްސީލީ އުސޫލު މިހާރު ވަނީ އާންމުކޮށްފައެވެ. އެ އުސޫލުގައި ގްރާންޓަށް ހުށަހެޅޭނެ ދާއިރާތަކާއި، މަޝްރޫޢު ހިންގޭނެ ސަރަހައްދުތަކުގެ އިތުރުން، އިދާރީ އަދި މާލީ ކަންކަން ހަމަޖެހިފައިވާ ގޮތުގެ ތަފްސީލު ހިމެނެއެވެ.
މި ޕްރޮގްރާމަށް ޝައުގުވެރިކަން ފާޅުކޮށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 8 ޖުލައި 2026 ވާ ބުދަ ދުވަހުގެ 14:00 އެވެ. ޝައުގުވެރިވާ ޖަމުޢިއްޔާތަކުން އުސޫލުގައިވާ ނަމޫނާއާ އެއްގޮތަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް މިނިސްޓްރީން އެދެއެވެ.




