ސަލްޓަން ޕާކުގައި ހުންނަ އާސާރީ ބިނާ، "އުސްގެކޮޅު" ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ފަށާފައިވާކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.
މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ބަލަހައްޓަމުންދާ މި ބިނާއަށް އެކި ގޮތްގޮތުން ގެއްލުންދެމުންދާ މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެން، ސަރުކާރުން މިހާރު ދަނީ މި ބިނާ ސަރުކާރުގެ ކަމާގުޅޭ ވުޒާރާއަކާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ދިވެހިރާއްޖޭގެ ރަސްކަމުގެ ބޮޑުގަނޑުވަރުގެ މިހާރު ހުރި ހަމައެކަނި ބައިކަމަށްވާ އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި، ތަނަށް ގެއްލުންދޭން ބަޔަކު ވަނީ މަސައްކަތްކޮށްފައެވެ. ފުލުހުންނާ ގުޅިގެން މިކަން ހިނގާދިޔަ ގޮތާއި ޒިންމާވާ ފަރާތްތައް ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ތަރުޖަމާނު ވިދާޅުވި ގޮތުގައި އެތަނުގައި ހަމައެކަނި ގްރެފިޓީ ކުރެހީއެއް ނޫނެވެ. އެތަނުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކޮށްފައި ހުރި ކަމުގެ އަސަރުތައް ވެސް ފެންނަން އެބަހުއްޓެވެ.
މި ބިނާގެ ތަޅުދަނޑި އޮންނަނީ ސިޓީ ކައުންސިލްގައެވެ. މިތަނުގައި ސަރުކާރުން ބޮޑު މަޝްރޫއެއް ހިންގުމަށްޓަކައި، ތަން ހަވާލުކުރުމަށް އެކި ފަހަރު މަތިން ލިޔުމުންނާއި ގުޅައިގެން ސިޓީ ކައުންސިލްގައި އެދުނު ނަމަވެސް، ކައުންސިލުން މިހާތަނަށް އެކަށީގެންވާ އިޖާބައެއް ދީފައެއް ނުވެއެވެ. މިއީ ވަރަށް ހިތާމަކުރާ ކަމެއް ކަމަށާއި، ސަރުކާރުން މި މައްސަލަ ބަލަމުންދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
"އުސްގެކޮޅު ބަލަހައްޓާނީ ސިޓީ ކައުންސިލުން. ތަޅުދަނޑި އޮންނަނީ ކައުންސިލްގައި. އެ ޕްރޮޖެކްޓަށް ތަން ނަގަން، މަޝްވަރާ ބައްދަލުވުން ބޭއްވިން. ލިޔުމުން ހުށައެޅި އަދި ގުޅައިގެންވެސް މަޝްވަރާ ކޮށްފައިވޭ. އާންބަސްވެސް ބުނި. ނަމަވެސް މިހާތަނަށް އެތަން ހަވާލެއް ނުކުރޭ." އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް
އުސްގެކޮޅު ހިމެނޭހެން އެ ސަރަޙައްދުގައި އިންޓަރެކްޓިވް މިއުޒިއަމްއެއް ތަރައްޤީކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިއީ ރާއްޖެއިން ބޭރުގެ ކުރިއަރާފައިވާ ގައުމުތަކުން ފެންނަ ފަދަ، މީހުން ޝައުގުވެރިވާނެ އެތައް ކަމެއް ހިމެނޭ ގޮތަށް ފަރުމާކުރެވޭ ވަރަށް މުހިންމު މަޝްރޫއެކެވެ. މިފަދަ އާސާރީ ބިނާތަކަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ތަންތަނަށްވާއިރު، މިއީ ގައުމަށް އާމްދަނީއެއް ހޯދުމަށްވެސް ބޭނުންކުރެވޭނެ މުހިންމު ވަސީލަތެކެވެ.
އުސްގެކޮޅަކީ މީލާދީން 20 ވަނަ ގަރުނުގެ ކުރީކޮޅު، އައްސުލްޠާން ޙާޖީ ޢިމާދުއްދީން (ހަވަނަ) (1893-1903) އިމާރާތްކުރެއްވި ބިނާއެކެވެ. މިއީ 100 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ، ރާއްޖޭގެ ވިރާސީ ރަސްކަމުގެ ތާރީޚާ ގުޅިފައިވާ ވަރަށް އަގުހުރި ބިނާއެކެވެ. އިހުގެ ބޮޑުގަނޑުވަރުގެ ބިނާތަކުގެ ތެރެއިން މިހާރު ފެންނަން ހުރި ހަމައެކަނި ބިނާއަކީވެސް މިއެވެ. މީގެ އިތުރުން، މީގެ 74 އަހަރު ކުރިން ރާއްޖޭގައި އެންމެ ފުރަތަމަ ގައުމީ ދާރުލްއާސާރު ހުޅުވުނީވެސް މި ތާރީޚީ އިމާރާތުގައެވެ.




