ފަތުރުވެރިކަމުގެ އޮފް-ސީޒަނާ ދިމާކޮށް، ބޭންކުތަކަށް ބޭނުންވާ ބޭރު ފައިސާ ހޯދުމުގައި އެހީތެރިވުމުގެ ގޮތުން މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭންކުތަކަށް ވިއްކާ ޑޮލަރުގެ އަދަދު މިއަދުން ފެށިގެން %25 އިތުރުކޮށްފިއެވެ.
މަރުކަޒީ ބޭންކުން ހާމަކުރު ގޮތުގައި މިއަދުން ފެށިގެން ކުރިއަށް އޮތް 3 މަސްދުވަހުގެ މުއްދަތަށް، ކޮންމެ ހަފްތާއަކުވެސް ބޭންކުތަކަށް ޑޮލަރު ވިއްކާ މިންވަރު ޖުމްލަކޮށް %25 އިތުރުވެގެންދާނެއެވެ.
ބޭންކުތަކަށް ބޭރު ފައިސާ އިތުރަށް ދޫކުރުމަށް މަރުކަޒީ ބޭންކުން ނިންމީ، ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާގެ މިންވަރު ދަށްވާ ދުވަސްވަރެއްގައި ވިޔަސް، ރާއްޖޭން ބޭރަށް ފޮނުވަންޖެހޭ ފައިސާގެ ޑިމާންޑް އެއްވަރެއްގައި ހުރުމުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށެވެ. މިއީ ބޭންކިންގ ނިޒާމުގެ ތެރޭގައި އޮތް ބޭރު ފައިސާގެ ދަތިކަން ކުޑަކުރުމަށާއި، އާންމުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ޑޮލަރު ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް އެޅި ވަގުތީ ފިޔަވަޅެކެވެ. މި ބަދަލުގެ ސަބަބުން ފަތުރުވެރިކަމުގެ އޮފް-ސީޒަނުގައި ބޭރު ފައިސާގެ ތާށިކަން ކުޑަވެ، ކަސްޓަމަރުންގެ ބޭނުންތަކަށް ބޭންކުތަކުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން، 2025 ވަނަ އަހަރުގެ ފުރަތަމަ ފަސް މަސްދުވަހާ އަޅާބަލާއިރު 2026 ވަނަ އަހަރުގެ މި މުއްދަތުގައި ބޭންކުތައް މެދުވެރިކޮށް ވިޔަފާރިތަކަށާއި އާންމުންގެ އެކި ބޭނުންތަކަށް ވިއްކާފައިވާ ބޭރު ފައިސާގެ މިންވަރު ވަނީ %72 އިތުރުވެފައެވެ. މީގެ ތެރެއިން ބޭރު ފައިސާގެ ޑިމާންޑް އެންމެ ބޮޑަށް އިތުރުވެފައިވާ އެއް ދާއިރާއަކީ ބޭސްފަރުވާއަށާއި، ތަޢުލީމަށް ރާއްޖޭން ބޭރަށް ކުރާ ދަތުރުތައްކަން އެމްއެމްއޭއިން ފާހަގަކުރައްވައެވެ.
އެގޮތުން ބޭސްފަރުވާއަށާއި ތަޢުލީމަށް ބޭންކުތައް މެދުވެރިކޮށް ވިއްކި ބޭރު ފައިސާގެ މިންވަރު ވަނީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %78 އިތުރުވެފައެވެ. ހަމައެހެންމެ ރާއްޖެއަށް ބޭނުންވާ ތެލާއި، ކާޑު އަދި ބޭހާއި މެޑިކަލް އިކުއިޕްމަންޓް އެތެރެކުރުމަށް އެމްއެމްއޭއިން ވިއްކި ބޭރު ފައިސާގެ އަދދުވެސް މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު ވަނީ %30 އިތުރުވެފައެވެ.




