އދ. ހަންޏާމީދޫ ބަނދަރުމަތީގައި އޮތް ބަގީއަކަށް އަރައި ދުއްވަން އުޅުމުގެ ތެރޭގައި، އެ ކޮންޓްރޯލް ނުވެގެން ފަޅުތެރެއަށް ވެއްޓި ނުކުޅެދުންތެރިކަން ހުންނަ 13 އަހަރުގެ ފިރިހެން ކުއްޖަކު ނިޔާވެއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ އދ. ހަންޏާމީދޫ / ޑެއިޒީވިލާ، އުމުރުން 13 އަހަރުގެ ޢަލީ އަނަސް ބިން މުޙައްމަދު އަރީޝް އެވެ.
އިއްޔެ ހަވީރު ހިނގި މި ހާދިސާގައި އެ ކުއްޖާ މަރުވީ ބަނދަރުމަތީގައި ތަޅުދަނޑި ޖަހާފައި ހުއްޓާ ބަގީއަށް އަރައި ދުއްވާލިތަނާ ރަށުގެ ބަނދަރަށް ވެއްޓިގެންނެވެ. ރަށުން ވާހަކަދެއްކި މީހަކު ބުނި ގޮތުގައި، ކުއްޖާ ބަގީއާއެކު ފަޅަށް ވެއްޓުނު ވަގުތު ބަނދަރުގައި އަޅާފައި އޮތް ދޯންޏެއްގައި ބޯޖެހި، ބޮލަށް ބޮޑެތި ޒަހަމްތަކެއް ލިބުނެވެ. ކުއްޖާ ނިޔާވީ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.
މި ހާދިސާ ތަހުގީގުކުރުމަށްޓަކައި ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. ނަމަވެސް، ތަހުގީގަށް ބޭނުންވާ މުހިންމު ޓެސްޓްތައް ހަދައި ސާމްޕަލްތައް ނެގުމަށްފަހު، ރޭ ދަންވަރު 12:00 ޖެހިއިރު އެ ކުއްޖާގެ ޖަނާޒާ ވަނީ ބާއްވާފައެވެ.




