ހދ. ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހއ. ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ މީހުން ނަން ނޯޓުކުރުމުގެ ފުރުސަތު، ހިރިމަރަދޫ ބެލެހެއްޓުމާ މިހާރު ހަވާލުވެފައިވާ ހަނިމާދޫ ކައުންސިލުން އިއްޔެ ހުޅުވާލައިފިއެވެ.
ހަނިމާދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ހޯރަފުށީ ކައުންސިލްގެ އާންމު ޖަލްސާއަކުން ނިންމައި، ހިރިމަރަދޫ ރައްޔިތުންނަށް އެ ރަށަށް ބަދަލުވުމުގެ ރަސްމީ ދައުވަތެއް ދީފައިވާ ކަމަށެވެ.
ހަނިމާދޫ ކައުންސިލުން އިޝާރާތްކޮށްފައިވަނީ ހޯރަފުށީގެ ކުރީގެ ކައުންސިލްގެ ދައުރު ނިމެން ގާތްވެފައި ވަނިކޮށް، މިދިޔަ މާޗް 27 ވަނަ ދުވަހު ނިންމާފައިވާ ނިންމުމަކަށެވެ. އެ ނިންމުމާ އެކު ހޯރަފުށީ ކައުންސިލުން އޭރު ފޮނުވި ސިޓީއަކާ ހަވާލާދީ ހަނިމާދޫ ކައުންސިލުން ބުނީ ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ މީހުން އިއްޔެއިން ފެށިގެން 30 ދުވަހުގެ ތެރޭގައި ނަން ނޯޓުކުރަން ޖެހޭނެ ކަމަށެވެ. ނަން ނޯޓުކުރަން ބޭނުންވާ މީހުންނަށް ހަނިމާދޫ އަވަށު އޮފީސް (ކުރީގެ ހިރިމަރަދޫ ކައުންސިލް އިދާރާ) އަށް ނުވަތަ ހަނިމާދޫ ކައުންސިލަށް ހާޒިރުވެގެން އެކަން ކުރެވޭނެއެވެ. މީގެ އިތުރުން ކައުންސިލްގެ މެއިލް މެދުވެރިކޮށް ނުވަތަ ފޯނު ނަމްބަރު 4002064 އަށް ގުޅައިގެން ވެސް ނަން ނޯޓުކުރުމުގެ ފުރުސަތު އޮތްކަމަށް ބުނެފައިވެއެވެ.
ހޯރަފުށީގެ މިހާރުގެ އާ ކައުންސިލުން ބުނި ގޮތުގައި އެ ރަށަށް ބަދަލުވާން ބޭނުންވާ ހިރިމަރަދޫ މީހުންނަށް ގޯތި ދޭން ނިންމީ ކުރީގެ ކައުންސިލުން ކަމަށް ވިޔަސް، ބަދަލުވާން ބޭނުންވާ ރައްޔިތުންގެ އަދަދަށް ބަލައި އާ ކައުންސިލުން ވެސް އެއްބާރުލުން ދޭނެއެވެ.
އާބާދީ ކުޑަވުމުގެ ސަބަބުން ހިރިމަރަދޫ މީހުން ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ މޭ 17 ގައި ހިރިމަރަދޫއަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ކަނޑައަޅުއްވައި، އެ ރަށް ހަނިމާދޫ ކައުންސިލްގެ ދަށަށް ބަދަލުކުރައްވާފައެވެ.
ހިރިމަރަދޫއަކީ ހދ. އަތޮޅުގެ 13 ރަށުގެ ތެރެއިން އާބާދީ އެންމެ ކުޑަ ރަށަށް ވާއިރު، އެންމެ ފަހުގެ ބޯހިމެނުމުގެ ހިސާބުތަކުން ދައްކާ ގޮތުގައި އެ ރަށުގެ ދިރިއުޅޭ އާބާދީއަކީ 293 އެވެ. އެއީ 157 ފިރިހެނުންނާއި 136 އަންހެނުންނެވެ. ހިރިމަރަދޫގެ މީހުން އެހެން ރަށަކަށް ބަދަލުކުރަން ނިންމާފައި އޮތް ނަމަވެސް، އެ ރަށުގައި ރައްޔިތުން ދިރިއުޅޭހާ ހިނދަކު ބޭނުންވާނެ އަސާސީ ހިދުމަތްތައް މެދުނުކެނޑި ގާއިމްކޮށްދެމުން ގެންދާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.



