ރާއްޖޭގައި އަލަށް ތަރައްޤީކުރަމުންދާ ދަޅުމަސް ބަންދުކުރާ ކާރުޚާނާތަކާއެކު، ރާއްޖޭގައި ބާނާ މަހުގެ 80 އިންސައްތަ ޕްރޮސެސް ކުރެވޭނެ ކެޕޭސިޓީ ޤާއިމުކުރެވޭނެ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު މުއްޠަލިބް ވިދާޅުވެއްޖެއެވެ. މި ބަދަލާއެކު ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުން ލިބޭ އާމްދަނީ ބޮޑުތަނުން އިތުރުވެ، އޭގެ ހެޔޮ ފައިދާ ސީދާ މަސްވެރިންނަށާއި މުޅި ސިނާއަތަށް ކުރާނެ ކަމަށް ސަރުކާރުން ބަޔާންކުރެއެވެ.
ރާއްޖޭގައި މިހާރު ދަޅުމަސް ބަންދުކުރުމުގެ މަސައްކަތް ބޮޑު ސްކޭލެއްގައި ކުރަނީ ފެލިވަރު އަދި ކޫއްޑޫގައި ހުންނަ ސަރުކާރުގެ ފެކްޓްރީތަކުގައެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުންވެސް ކުޑަ ސްކޭލެއްގައި މި މަސައްކަތް ކުރަމުންދެއެވެ. ނަމަވެސް، މިހާރު ރާއްޖޭގައި ޤާއިމުވެފައިވާ ކެޕޭސިޓީއަށް ބަލާއިރު، ވެލިއު އެޑްކޮށްގެން (އަގު އެއްކޮށްގެން) ރާއްޖެއިން ބޭރުކުރެވެނީ ބާނާ މަހުގެ އެންމެ 10% އާއި 15% އާ ދެމެދުގެ އަދަދެކެވެ. ބާކީ ހުރި ބޮޑު އަދަދަކީ ގަނޑުކުރި މަހުގެ ގޮތުގައި ރާއްޖެއިން ބޭރުކުރާ މަސް ކަމަށްވުމުން، މަސްވެރިކަމުގެ ސިނާއަތުން ލިބެންޖެހޭ އެންމެ އެކަށީގެންވާ މަންފާއެއް ޤައުމަކަށް ނުލިބެއެވެ.
މި ބޮޑު ގޮންޖެހުމަށް ޙައްލެއް ގެނައުމުގެ ގޮތުން ސަރުކާރުން ވަނީ މަހަށް އަގު އެއްކުރުމުގެ ބޮޑެތި މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން ފ. ނިލަންދޫގައި 50 ޓަނުގެ މަސް ޕްރޮސެސްކުރެވޭ ފެސިލިޓީއަކާއި، ގދ. ފިޔޯރީގައި 100 ޓަނުގެ މަސް ޕްރޮސެސްކުރާ ފެކްޓްރީއެއްގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެ އިތުރުން ފެލިވަރުގެ މިހާރުގެ ކެޕޭސިޓީ ތިން ގުނަ ބޮޑުކުރުމުގެ މަޝްރޫޢެއްވެސް ދަނީ ކުރިއަށެވެ.
"ފެލިވަރުގައި މިހާރު އޮތީ ދުވާލަކު 50 ޓަނުގެ މަސް ބަންދުކުރެވޭ ކެޕޭސިޓީ. ނަމަވެސް 100 ޓަނު ބަންދުކުރެވޭ އައު ފެސިލިޓީއެއްގެ މަސައްކަތް މިހާރު ދަނީ ކުރަމުން. ނިލަންދޫގެ 50 ޓަނުގެ ފެސިލިޓީއާއި، ފިޔޯރީގެ 100 ޓަނުގެ ކެޕޭސިޓީގެ އިތުރުން، އަމިއްލަ ކުންފުނިތަކުގެ ކެޕޭސިޓީއާއެކު، ރާއްޖޭގައި ޖުމްލަ ޕްރޮސެސް ކުރެވޭ ކެޕޭސިޓީ ދުވާލަކު 300 ޓަނަށް އިތުރުކުރެވޭނެ،" ސްޓޭޓް މިނިސްޓަރ މުއްޠަލިބް ވިދާޅުވިއެވެ.
ރާއްޖޭގައި އަހަރަކު އެވަރެޖްކޮށް 120,000 ޓަނުގެ މަސް ބާނާއިރު، މިހާރު މި ސިނާއަތުން ދައުލަތަށް ވަންނަނީ ގާތްގަނޑަކަށް 98 މިލިޔަން ޑޮލަރުގެ އާމްދަނީއެކެވެ. ނަމަވެސް އަލަށް ތަރައްޤީކުރާ ފެސިލިޓީތައް ނިމުމުން، މަސް ޕްރޮސެސްކޮށްގެން ބޭރުކުރާ މިންވަރު އިތުރުވެ، ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ އަދަދު ބޮޑުތަނުން އުފުލިގެންދާނެއެވެ.
މި މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްތަކަށް ބަލާއިރު، ފެލިވަރުގައި ކޯލްޑްސްޓޯރޭޖުގެ މަސައްކަތްތައް މުޅިން ނިމި، މިހާރު ކުރިއަށްދަނީ ކޭނިން ފެކްޓްރީގެ މަސައްކަތްތަކެވެ. އަދި ނިލަންދޫގައި ފެކްޓްރީ އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާއިރު، ފިޔޯރީގައި ބިން ހިއްކުމުގެ މަސައްކަތް މިހާރު ދަނީ ހަލުވިކަމާއެކު ކުރިއަށެވެ. ސަރުކާރުގެ އެންމެ ބޮޑު ޢަމާޒަކީ 2028 ވަނަ އަހަރުގެ ނިޔަލަށް މި ހުރިހާ ފެސިލިޓީތަކެއް އެއްކޮށް އޮޕަރޭޝަނަށް ގެނެސް، މަސްވެރިކަމުގެ ސިނާއަތަށް ބޮޑު އިންގިލާބެއް ގެނައުމެވެ.




