އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް މުޙައްމަދު ޝަކީލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި ޝަކީލް ވަނީ ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ. އޭނާއަށް މެންބަރުކަމުގެ ހުވާލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ސަލީމެވެ. ހުވާ ކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ މެންބަރުކަމަށް އައްޔަންކުރެއްވިކަމުގެ ލިޔުން ޝަކީލާ ހަވާލުކޮށްދެއްވާފައެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމެއް ހުސްވީ، އެ ކޮމިޝަނުގެ ރައީސްގެ މަޤާމާއި މެންބަރުކަމުގެ މަޤާމުގައި ކުރިން ހުންނެވި މުޙައްމަދު ޒާހިދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ މަޤާމަށް މެންބަރަކު އައްޔަންކުރުމަށް އާންމުކޮށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މުޙައްމަދު ޝަކީލްގެ ނަމެވެ. މަޖިލީހުން މި މައްސަލަ ދިރާސާކުރުމަށްފަހު، ޝަކީލް އެ މަޤާމަށް އައްޔަންކުރަން ފެންނަކަމަށް ވަނީ ފާސްކޮށްފައެވެ.
މުޙައްމަދު ޝަކީލަކީ މީގެ ކުރިންވެސް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2014 ޑިސެންބަރު 3 އިން ފެށިގެން 2018 މޭ 9 އާ ހަމައަށް އޭނާ ވަނީ ކޮމިޝަނުގެ މެންބަރުކަން ކުރައްވާފައެވެ. އަދި އޭގެ ކުރިން 2013 ސެޕްޓެންބަރު 1 އިން ފެށިގެން 2014 ޑިސެންބަރު 3 އާ ހަމައަށް އެ ކޮމިޝަނުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަދައްކަވަމުން ޝަކީލް ވިދާޅުވީ، ކުރިން އޭނާ ކޮމިޝަނުގެ މެންބަރުކަމުން އިސްތިއުފާ ދެއްވީ އޭރު މިނިވަންކަމާއެކު މަސްއޫލިއްޔަތު އަދާކުރެވޭނެ މާހައުލެއް އޮތްކަމަށް ޤަބޫލުނުކުރެވުމުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ މާހައުލެއް ކުރިމަތިވެއްޖެނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށާއި، އަބަދުވެސް މަސައްކަތް ކުރައްވާނީ ފުރިހަމަ މިނިވަންކަމާއެކު ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
"އަޅުގަނޑު ކޮމިޝަނުގެ މެންބަރަކަށް އައްޔަން ކުރެއްވުމުން މަސައްކަތް ކުރާނީ މުއައްސަސާގެ މިނިވަންކަން ހިފަހައްޓައި، ހުރިހާ ސިޔާސީ ޕާޓީތަކަށްވެސް އެބޭފުޅުންގެ ކަންބޮޑުވުންތައް ހިއްސާކޮށް މަޝްވަރާކުރުމުގެ ފުރުސަތު ހަމަހަމަކަމާއެކު ހޯދައިދިނުމަށް،" ކޮމިޓީގައި ޝަކީލް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނަކީ ޖުމްލަ 5 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ މިނިވަން މުއައްސަސާއެކެވެ. މުޙައްމަދު ޝަކީލް އައްޔަންކުރެއްވުމާއެކު ކޮމިޝަނުގެ މެންބަރުންގެ އަދަދު މިވަނީ ހަމަވެފައެވެ. މިވަގުތު ކޮމިޝަނުގައި ތިއްބެވި އަނެއް 4 މެންބަރުންނަކީ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާހު ރަޝީދުގެ އިތުރުން، މެންބަރު ޙަސަން ޒަކަރިއްޔާއާއި، މެންބަރު ޢަބްދުލްޙަސީބް އިސްމާޢީލް އަދި އަލްއުސްތާޛް ރިފްޢަތު ޢަބްދުއްލާ އެވެ.
މިވަގުތު އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަޤާމު އޮތީ ހުސްކޮށެވެ. ޤާނޫނުއަސާސީ އާއި ޤާނޫނުގައިވާ ގޮތުގެ މަތިން، ކޮމިޝަނުގެ ރައީސްގެ މަޤާމަށް ބޭފުޅަކު އައްޔަންކުރައްވާނީ، ކޮމިޝަނުގެ މެންބަރުންގެ އަދަދު ހަމަވުމުން އެ މެންބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބޭ ބޭފުޅެއް ރައީސުލްޖުމްހޫރިއްޔާއެވެ.



