މޫސުމީ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި، އެކަންކަމަށް ހޭނުމަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ "ކްލައިމެޓް އެޑަޕްޓޭޝަން ފޯރަމް" ފަށައިފިއެވެ.
މުޅި ރާއްޖެއިން 130 އަށްވުރެ ގިނަ ބައިވެރިންނާއެކު އިއްޔެ ފެށި މި ފޯރަމަކީ ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ ހަރަކާތެކެވެ. މި ފޯރަމްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ކަމާބެހޭ މާހިރުންނާއި، ސަރުކާރުގެ މުއައްސަސާތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކުރާ ގޮތުގައި މި ފޯރަމްގެ މައިގަނޑު މަގުސަދަކީ މޫސުމީ ބަދަލުތަކުން ކުރިމަތިވާ ނުރައްކާތައް މެނޭޖުކުރުމާއި، އެކަންކަމަށް ބޭނުންވާ ފައިސާ ހޯދާނެ އީޖާދީ ގޮތްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމެވެ. މީގެ އިތުރުން، މޫސުމީ ބަދަލުތަކަށް ހޭނުމަށް ކުރެވޭ މަސައްކަތްތައް ހަލުވިކުރުމަށްޓަކައި ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކަށްވެސް މި ފޯރަމްގައި އަލިއަޅުވާލާނެއެވެ.
މި ފޯރަމްގެ ސަބަބުން، މޫސުމީ ބަދަލުތަކަށް ވިލުންތެރި މުޖުތަމައުއެއް ބިނާކުރުމަށް ބޭނުންވާ މުހިންމު ސިޔާސަތުތަކާއި އަމަލީ ގޮތުން ކުރެވިދާނެ ކަންކަން ދެނެގަނެވިގެންދާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ.



