ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކުގެ މާލީ ހާލަތު މިވަގުތު ހުރީ ވަރަށް ދަށްކޮށް ކަމަށާއި، އެ ކުންފުނިތަކުގެ އަސްލު ހާލަތު ސާފުވާނީ އޮޑިޓް ރިޕޯޓުތައް އެއްކޮށް ލިބި ނިމުމުން ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސް މުޙައްމަދު ނިޒާރު ވިދާޅުވެއްޖެއެވެ. ނިޒާރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ ކޮމިޓީން މިއަދު އޭނާއާ އިންޓަވިއުކޮށް، މަގާމުގެ ރުހުން ދިނުމަށް ފާސްކުރި ބައްދަލުވުމެއްގައެވެ. މިދިޔަ އޭޕްރިލް މަހުގެ 30 ގައި މި މަގާމަށް އައްޔަންކުރެއްވި ނިޒާރަކީ ޕީސީބީގެ އެންމެ ފުރަތަމަ ރައީސްކަން ވެސް ކުރެއްވި ބޭފުޅާއެވެ.
ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ނިޒާރު ހާމަކުރެއްވި ގޮތުގައި، ސަރުކާރު ހިއްސާވާ ހައެއްކަ ކުންފުންޏެއްގެ އޮޑިޓް ރިޕޯޓު 2002 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށްވެސް ލިބިފައެއް ނުވެއެވެ. އަދި ނިމިދިޔަ 2025 ވަނަ އަހަރު ނިމުނުއިރުވެސް ގިނަ ކުންފުނިތަކުގެ އޮޑިޓް ރިޕޯޓުތައް ހުރީ ތައްޔާރުކޮށް ނުނިމިއެވެ. ނަމަވެސް ކުރިއަށްއޮތް 2027 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ކުރިން ހުރިހާ ކުންފުނިތަކެއްގެ އޮޑިޓްތައް އެއްކޮށް ނިންމުމަށް އޮޑިޓަރު ޖެނެރަލްގެ އޮފީހާ މަޝްވަރާކުރައްވާފައިވާ ކަމަށާއި، އެ އަމާޒަށް ވާސިލުވެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
އެތެރޭގެ ހިންގުން ދޯދިޔާވުމާއި ފެނަކައިގެ މައްސަލަތައް
ބައެއް ކުންފުނިތަކުގެ އެތެރޭގެ ހިންގުން ވަރަށް ބޮޑަށް ދޯދިޔާވެފައިވާކަން ފާހަގަކުރައްވަމުން ނިޒާރު ވަނީ ފެނަކަ ކޯޕަރޭޝަންގެ މިސާލު ދައްކަވާފައެވެ. އެގޮތުން ފެނަކައިގެ އެތެރޭގެ އޮޕަރޭޝަންތައް ހިނގާގޮތް ކަމުނުދާ ކަމަށާއި، އެއް ޑިޕާޓްމަންޓާއި އަނެއް ޑިޕާޓްމަންޓާ ދެމެދު އެއްވެސް ގުޅުމެއް ނެތުމުގެ ސަބަބުން މުވައްޒަފުން ޝަކުވާ ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކުންފުންިން އެގްރީމެންޓްތައް ހަދާއިރު ލީގަލް ޑިޕާޓްމަންޓަށް އޭގެ ރެފަރެންސެއް ނުދާ ފަދަ ސީރިއަސް މައްސަލަތައް ހުރިކަމަށް ވިދާޅުވެ، އެކަންކަން އިސްލާހުކުރުމަށް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާ ޕީސީބީން މަޝްވަރާކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
ކުންފުނިތަކުގެ މާލީ ތަފާސްހިސާބުތަކުގެ ތަފްސީލް
ޕީސީބީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ސަރުކާރު ކުންފުނިތަކަށް ޖުމްލަ 12.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 1.57 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އެހެންނަމަވެސް، ދައުލަތުގެ ބަޖެޓަށް ބަރޯސާވާ ކުންފުނިތައް ކަމަށްވާ އާރްޑީސީއާއި އާސަންދަ ފަދަ ކުންފުނިތަކުގެ އާމްދަނީ ވަނީ އެ ކުއާޓަރުގައި ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އޭގެ ތެރެއިން އާރްޑީސީ ހިންގަމުންދަނީ 130.2 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއްގައެވެ. މީގެ އިތުރުން އައިލެންޑް އޭވިއޭޝަންގެ އާމްދަނީއަށް ކުރިއެރުމެއް ލިބުނު ނަމަވެސް، އެ ކުންފުނިވެސް ހިނގަމުންދަނީ 40.8 މިލިއަން ރުފިޔާގެ ގެއްލުމުގައެވެ.
ބަޖެޓަށް ބަރޯސާނުވާ ކުންފުނިތަކުގެ ތެރެއިން ވެލާނާ އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ ފައިދާ ވަނީ 2024 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު 16 އިންސައްތަ ދަށަށް ގޮސްފައެވެ. އަދި އެ ކުއާޓަރު ނިމުނުއިރު އެމްއޭސީއެލްގައި 15.6 ބިލިއަން ރުފިޔާގެ ބޮޑު ދަރަންޏެއް އޮތްކަން ތަފާސްހިސާބުތަކުން ދައްކައެވެ. މި ރިޕޯޓުން އެންމެ ބޮޑު ހީނަރުކަމެއް ފާހަގަވީ އެމްޓީސީސީގެ ފައިދާއަށެވެ. އެގޮތުން 2024 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އެމްޓީސީސީއަށް 26.77 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާއިރު، 2025 ވަނަ އަހަރުގެ އެ މުއްދަތުގައި އެ ކުންފުންޏަށް ލިބިފައިވަނީ އެންމެ 13.35 މިލިއަން ރުފިޔާގެ ފައިދާއެކެވެ.




