އިޖުތިމާއީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ މިނިސްޓްރީން އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތައް ވަނީ ކަންބޮޑުވާ މިންވަރަކަށް އިތުރުވެފައެވެ.
އެ މިނިސްޓްރީގެ ރިޕޯޓުގައިވާ ގޮތުން، މިދިޔަ މަހު ކުޑަކުދިންނާ ގުޅޭ ޖުމްލަ 81 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނައީ ޖިންސީ ގޯނާގެ މައްސަލަތަކެވެ. އެގޮތުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 25 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މީގެ ތެރޭގައި ހިމެނެނީ 19 އަންހެން ކުދިންނަށާއި 6 ފިރިހެން ކުދިންނަށް ކުރި ޖިންސީ ގޯނާގެ މައްސަލަތަކެވެ.
އަނިޔާގެ އެކި ބާވަތްތަކަށް ބަލާއިރު، ދެވަނައަށް އެންމެ ގިނައީ ކުދިންނަށް އިހުމާލުވުމުގެ މައްސަލަތަކެވެ. އެގޮތުން ކުދިންނަށް އަޅާނުލުމުގެ 18 މައްސަލައެއް މިދިޔަ މަހު ރިޕޯޓްކޮށްފައިވެއެވެ. މީގެ އިތުރުން، ނަފްސާނީ އަނިޔާ ދިނުމުގެ 12 މައްސަލައަކާއި، ޖިސްމާނީ އަނިޔާ ކުރުމުގެ 8 މައްސަލައެއްގެ އިތުރުން، ބުލީކުރުމުގެ 7 މައްސަލައަކާއި ސައިބަރ ބުލީކުރުމުގެ 4 މައްސަލައެއް ވަނީ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައެވެ.
ކުދިންގެ އަޚްލާޤާއި އުޅުމާ ގުޅޭ މައްސަލަތަކަށް ބަލާއިރު، ޖުމްލަ 44 މައްސަލައެއް ވަނީ ފާހަގަކުރެވިފައެވެ. މީގެ ތެރޭގައި ސްކޫލަށް ދާން އިންކާރުކުރުމުގެ 8 މައްސަލައެއް ހިމެނެއެވެ.
އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދިނުމަށް ގާއިމްކޮށްފައިވާ ހެލްޕްލައިންތަކަށްވެސް ގިނަ އަދަދެއްގެ ކޯލްތަކެއް ވަނީ ލިބިފައެވެ. އެގޮތުން ކުޑަކުދިންގެ ހެލްޕްލައިން "1412" އަށް 1,379 ކޯލް ލިބިފައިވާއިރު، އިޖުތިމާޢީ ޚިދުމަތުގެ ހެލްޕްލައިން "1421" އަށް 626 ކޯލް ލިބިފައިވާކަމަށް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މިފަދަ މައްސަލަތައް އިތުރުވަމުންދާތީ، ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުޖުތަމަޢުގެ ހުރިހާ ފަރާތްތަކަކުން ސަމާލުވުމަށާއި، އެއްވެސް ބާވަތެއްގެ އަނިޔާއެއް ނުވަތަ އިހުމާލެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ރިޕޯޓްކުރުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.



