މީގެކުރިން ފެނަކަ ކޯޕަރޭޝަނުން ހިންގަމުން އައި މ. އަތޮޅުގެ ހުރިހާ ރަށެއްގެ އިންޖީނުގެތަކާއި ޔުޓިލިޓީގެ ޚިދުމަތްތައް، ސްޓެލްކޯއާ މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ.
ސްޓެލްކޯގެ ހެޑް އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޑރ. ޢަލީ އަޒުވަރެވެ. ފެނަކަ ކޯޕަރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު އަފީފް ޙުސައިނެވެ.
މި ބަދަލާއެކު، މ. އަތޮޅުގެ ދިއްގަރު، ކޮޅުފުށި، މަޑުއްވަރި، މުލި، ނާލާފުށި، ރަތްމަންދޫ އަދި ވޭވަށުގެ ޔުޓިލިޓީ ޚިދުމަތްތައް ދެން ދެމުންދާނީ ސްޓެލްކޯއިންނެވެ. ސްޓެލްކޯއިން ހާމަކުރި ގޮތުގައި، މި ބަދަލަކީ ސަރުކާރުން ރައްޔިތުންނަށް ދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ގެނެވުނު ހެޔޮ ބަދަލެކެވެ.
ފެނަކައިން ތިން އަތޮޅެއްގައި ދެމުންދިޔަ ޚިދުމަތްތައް ސްޓެލްކޯއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވަނީ މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ. އެއީ މ. އަތޮޅުގެ އިތުރުން ބ. އަތޮޅާއި ޅ. އަތޮޅުގެ ރަށްތަކެވެ. މި ނިންމުމުގެ މަޤްޞަދަކީ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ކަރަންޓާއި ޔުޓިލިޓީގެ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.



