ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ގިނަ އަދަދެއްގެ މުވައްޒަފުންނަށް ބޯނަސްގެ ގޮތުގައި އޮޅުމަކުން އިތުރަށް ފައިސާ ދެވިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފިއެވެ.
އެޗްޑީސީން މައުލޫމާތު ދޭ ގޮތުގައި، 2024 ވަނަ އަހަރުގެ ބޯނަސް މިދިޔަ ޑިސެމްބަރު މަހު ބެހިއިރު، ގާތްގަނޑަކަށް 200 އެއްހާ މުވައްޒަފުންނަށް ވަނީ އޮޅުމަކުން އިތުރަށް ފައިސާ ޖަމާކުރެވިފައެވެ. މިގޮތަށް ދެވުނު ފައިސާގެ ޖުމްލަ އަދަދު މިލިއަނުން މައްޗަށް އަރާފައިވާއިރު، ބައެއް މުވައްޒަފުންނަށް ލިބެންޖެހޭ ވަރަށްވުރެ ދެގުނަ އިތުރަށް ފައިސާ ޖަމާވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން 9,000 ރުފިޔާގެ ބޯނަސް ލިބެންޖެހޭ ބައެއް މުވައްޒަފުންގެ އެކައުންޓަށް 18,600 ރުފިޔާ ޖަމާވެފައިވެއެވެ.
މި މައްސަލަ ދިމާވީ ބޯނަސް ހިސާބުކުރުމުގެ މަސައްކަތް މެނުއަލްކޮށް ނުވަތަ އަތުން ކުރަމުން ދަނިކޮށް ދިމާވި އިދާރީ އޮޅުމެއްގެ ސަބަބުން ކަމަށް އެ ކުންފުނިން ބުނެއެވެ. މިކަން ފާހަގަވުމާއެކު، އިތުރަށް ދެވުނު ފައިސާ އަނބުރާ ހޯދުމަށް މުވައްޒަފުންނަށް ދަތިނުވާނެ ފަދަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް އެޗްޑީސީން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
އެގޮތުން، އިތުރަށް ދެވުނު ފައިސާ އަނބުރާ ދެއްކުމަށްޓަކައި ހަ މަސް ދުވަހާއި އެއް އަހަރާ ދެމެދުގެ މުއްދަތެއް ދިނުމަށް ނުވަތަ ކުރިއަށް އޮތް އަހަރުގެ ބޯނަސް އިން އެ ބައި އުނިކުރުމަށް އެ ކުންފުނިން ދަނީ ވިސްނަމުންނެވެ. މިކަމާ ގުޅޭގޮތުން މުވައްޒަފުންނަށް މައުލޫމާތު ހިއްސާކޮށް، އެކަން ހައްލުކުރުމުގެ އިދާރީ މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ. އެޗްޑީސީން ބުނީ މިފަދަ ކަމެއް ތަކުރާރުވިޔަނުދިނުމަށްޓަކައި ކުންފުނީގެ މާލީ ނިޒާމު އިތުރަށް ހަރުދަނާކުރާނެ ކަމަށެވެ.



