ސޮވަރިން ޑިވަލޮޕްމެންޓް ފަންޑު (އެސްޑީއެފް) އަށް މިއަހަރުގެ މިހާތަނަށް އެއް ބިލިއަން ރުފިޔާ ޖަމާކޮށްފިއެވެ.
ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި އެސްޑީއެފަށް ޖަމާކުރުމަށް ކަނޑައަޅާފައިވާ 2.4 ބިލިއަން ރުފިޔާގެ އަމާޒަށް ބަލާއިރު، މިހާތަނަށް ޖަމާކުރެވުނު އަދަދަކީ އަމާޒުކުރި މިންވަރުގެ 40 އިންސައްތައެވެ. މިދިޔަ އަހަރުގެ ޖޫން މަހުގެ ފުރަތަމަ ހަފުތާއާ ހަމައަށް އެސްޑީއެފަށް ޖަމާކޮށްފައިވަނީ 935 މިލިއަން ރުފިޔާއެވެ. އެހެންކަމުން، މިއަހަރު ޖަމާކުރި އަދަދަކީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އިތުރުވުމެކެވެ. ނަމަވެސް، ފަންޑަށް ފައިސާ ޖަމާކުރާ ނިސްބަތަށް އައި ބަދަލާއެކު، މިއަހަރުގެ އަމާޒަށް ވާސިލުވުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހެއެވެ.
އެއާޕޯޓް ޑިވެލޮޕްމެންޓް ފީ (އޭޑީއެފް) އިން ލިބޭ އާމްދަނީން މުއްސަނދިކުރަމުން އަންނަ މި ފަންޑަކީ ދައުލަތުގެ ދަރަނި އަދާކުރުމަށް އޮތް މުހިންމު ވަސީލަތެކެވެ. އެގޮތުން، މިއަހަރުގެ ތެރޭގައި ދައުލަތުން ދައްކަންޖެހޭ ބޮޑެތި ދަރަނިތަކާއި ސުކޫކުތަކުގެ ބައެއް ފައިސާ ދެއްކުމަށްވެސް މި ފަންޑުގެ ބޭނުންވަނީ ހިފާފައެވެ. ބަޖެޓުގައިވާ ގޮތުން، މިއަހަރުގެ ދަރަނި އަދާކުރުމަށް އެސްޑީއެފުން ޖުމްލަ 4.1 ބިލިއަން ރުފިޔާ ބޭނުންކުރުމަށް ވަނީ ނިންމާފައެވެ.
މި އަހަރަކީ ރާއްޖޭގެ ދަރަނި އަދާކުރުމަށް ބޮޑު ހޭދައެއް ކުރަންޖެހޭ އަހަރެކެވެ. ދަރަނި ދެއްކުމަށް ޖުމްލަ 12.9 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާއިރު، އޭގެ ތެރެއިން 5.5 ބިލިއަން ރުފިޔާއަކީ ހަމައެކަނި ދަރަނީގެ އިންޓްރެސްޓް ހަރަދެވެ. މިފަދަ ހާލަތެއްގައި އެސްޑީއެފް ވަރުގަދަކުރުމަކީ ދައުލަތުގެ މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.




