އަމިއްލަ ނަފުސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ، އަދި ދިވެހި ގައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "ނޭޝަނަލް ސަރވިސް ސްކިލްސް ޓްރޭނިންގ ޕްރޮގްރާމް" ގެ ދެވަނަ ބުރު މިއަދު ރަސްމީކޮށް ފަށައިފިއެވެ.
ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފް ސަރވިސް ކޯރގެ 'ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް' ގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީއެވެ.
މި ޕްރޮގްރާމަކީ ޒުވާނުންނަކީ ރޫހާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، އަހުލާގީ ގޮތުން ހަރުދަނާ، އަދި ފަންނީ ހުނަރުތަކުން ފުރިގެންވާ އިހުލާސްތެރި ބަޔަކަށް ހެދުމުގެ މަގުސަދުގައި ފަރުމާކޮށްފައިވާ ހާއްސަ ތަމްރީނުތަކެކެވެ.
ޖުމްލަ 16 ހަފުތާގެ މުއްދަތަށް ކުރިއަށްދާ މި ބުރުގައި ރާއްޖޭގެ 17 އަތޮޅަކުން ޖުމްލަ 75 ބައިވެރިން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 62 ފިރިހެން ބައިވެރިންނާއި 13 އަންހެން ބައިވެރިންނެވެ. މި ކޯހުގެ ބައިވެރިން ތަމްރީނުތަކަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ ޖޫން މަހުގެ 3 ވަނަ ދުވަހު ވަނީ ބ. ކިހާދޫގައި ހުންނަ ތަމްރީނު މަރުކަޒަށް ރިޕޯޓްކޮށްފައެވެ.
މި ޕްރޮގްރާމްގެ ސަބަބުން ގައުމީ ހިދުމަތަށް ނުކުންނަ ޒުވާނުންނަކީ މަސައްކަތުގެ މާހައުލަށް އަހުލުވެރި، ޒިންމާދާރު ބަޔަކަށް ވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.
މި ކޯސް ފުރިހަމަކުރުމަށް ޓަކައި ކޯހުގެ ދަރިވަރުން ވަނީ ޖޫން 3ވަަނަ ދުވަހު ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފް ސަރވިސް ކޯރގެ، ސްކޫލު އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ސްކޫލަށް ރިޕޯޓްކޮށްފައެވެ.
މި ރަސްމިއްޔާތުގައި ކޯހުގެ މުދައްރިބުންނަށް ވަޢުދު ލައިދިނުމާއި ދަރިވަރުންގެ ޢަޒުމް ވަނީ އައުކޮށްފައެވެ. އެގޮތުން މުދައްރިބުންނަށް ވަޢުދު ލައިދެއްވީ ސްކޫލު އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގެ އެކްޒެކެޓިވް އޮފިސަރ، ކެޕްޓަން މުޙައްމަދު ޝަރީފެވެ. އަދި ދަރިވަރުންނަށް ޢަޒުމް އައުކޮށްދެއްވީ ސްކޫލު އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގެ ކޮމާންޑިންގ އޮފިސަރ، މޭޖަރ ޙުސައިން ޝާހިދެވެ.
މި ޕްރޮގްރާމްގައި، އޮޓޯ މޯބައިލް އިންޖިނިއަރިންގއާއި، މެރިން އިންޖިނިއަރިންގއާއި، އިލެކްޓްރީޝަންއާއި، ރެފްރިޖެރޭޝަންއާއި، ވެލްޑިންގއާއި މެޓަލް ފެބްރިކޭޝަން އަދި އޮފީސް މެނޭޖުމަންޓް ފަދަ ސިނާއީ ދާއިރާތަކުގެ ހުނަރުތައް، އުނގަންނައިދިނުމަށް ހަމަޖެހިފައިވެއެވެ.
4 މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރުމުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އެޕްރޫވްޑް، ލެވެލް 3ގެ ސެޓިފިކެޓެއް ހާސިލުކުރެވޭނެއެވެ.
މި ޕްރޮގްރާމްގައި ކިޔަވައިދެއްވާނީ ފަންނީ ތަފާތު ދާއިރާތަކުގައި ގިނަ ދުވަހު އަމަލީ މަސައްކަތް ކުރައްވާފައިވާ ސިފައިންގެ ތަޖުރިބާކާރު އިންސްޓްރަކްޓަރުންނެވެ.



