ޝިޕްމަންޓެއްގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕްތަކެއް ކަސްޓަމްސްއިން އަނެއްކާވެސް އަތުލައިގަނެފިއެވެ.
މިކަމާ ގުޅޭގޮތުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މަޢުލޫމާތު ދިން ގޮތުގައި، ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމަންޓެއްގައި ޤާނޫނާއި ގަވާއިދާ ޚިލާފު ތަކެތި ހުރިކަމަށް ޝައްކުކުރެވިގެން، އިއްޔެ މާލޭ ކޮމާޝަލް ހާބަރުގައި ޚާއްޞަ އޮޕަރޭޝަނެއް ވަނީ ހިންގާފައެވެ.
މި އޮޕަރޭޝަންގައި "ޖެނެރަލް ކާގޯ" ނުވަތަ އާންމު މުދަލުގެ ގޮތުގައި ޑިކްލެއަރކޮށްފައިވާ ޝިޕްމަންޓެއް ބަލައި ފާސްކުރިއިރު، އޭގެ ތެރޭގައި ފޮރުވާފައި ހުރި 5,600 ވޭޕް ކާޓްރިޖް ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ. މި ތަކެތި މިހާރު ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވިފައިވާއިރު، މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށްވެސް އެ އިދާރާއިން މަޢުލޫމާތު ދެއެވެ.
މިއީ މިފަދަ ގޮތަކަށް ވޭޕް އެތެރެކުރަން އުޅެނިކޮށް މި ހަފުތާ ތެރޭގައި އަތުލައިގަތް ދެވަނަ ޝިޕްމަންޓެވެ. މިދިޔަ އަންގާރަ ދުވަހުވެސް، ޗިޕްސް ދަޅުތަކެއްގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕްތަކެއް ކަސްޓަމްސްއިން ވަނީ ހިފަހައްޓާފައެވެ.
ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުން މަނާކުރުމަށް ސަރުކާރުން ނިންމަވާފައިވާ ދަނޑިވަޅެއްގައި، މިފަދަ ތަކެތި ވަގަށް އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސްއިން ދަނީ ޚާއްޞަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ. އެގޮތުން، އަންނަ މަހުގެ 15 އިން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިޢުލާނު ކުރައްވާފައެވެ.



