ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަ ޚަރަދުގައި އައްޑޫ ސިޓީ ހުޅުދޫގައި ބިނާކުރެއްވި "މަސްޖިދު ޒުލައިޙާ މުޙައްމަދު" ރަސްމީކޮށް ހުޅުވައިފިއެވެ.
މި މިސްކިތް ހުޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. މިއަދު ހަވީރު އައްޑޫ ހުޅުދޫގައި ބޭއްވުނު މި ޚާއްޞަ ރަސްމިއްޔާތުގައި، މިސްކިތް ބިނާކުރެއްވި މުޙައްމަދު ޞާލިޙުގެ އިތުރުން އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުންނާއި ރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިސްކިތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ޝަހީމް ވަނީ، މުޙައްމަދު ޞާލިޙުގެ އަމިއްލަފުޅު ގޯތި މާތް ﷲ ގެ މަގުގައި ވަޤްފުކުރައްވައި، އެ ބިމުގައި މިސްކިތެއް ބިނާކުރެއްވުމަށް ނިންމެވި ނިންމެވުމަށް ނުހަނު ތަޢުރީފު ކުރައްވާފައެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިފަދަ މަތިވެރި ދީނީ ބިނާއެއް ބިނާކުރެއްވުމަކީ މިއަދުގެ ޒުވާން ޖީލަށް އޮތް ވަރަށް ފުރިހަމަ ނަމޫނާއެކެވެ.
"މަސްޖިދު ޒުލައިޙާ މުޙައްމަދު" އަކީ އެއްފަހަރާ 200 މީހުންނަށް ނަމާދު ކުރެވޭނެ ޖާގަ އޮތް، ނުހަނު ފުރިހަމައަށް ފަރުމާކޮށް ބިނާކޮށްފައިވާ މިސްކިތެކެވެ. މި މިސްކިތަކީ ހުޅުދޫގެ ރައްޔިތުންނަށް ދީނީ އަޅުކަންތައް އަދާކުރުމުގައި ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެކެވެ.



