ރާއްޖޭގައި ހިމަބިހި (މީސަލްސް) ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭ އިން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ ހަފްތާގެ ތެރޭގައި އެކަނިވެސް މާލެ ސަރަހައްދުން ހިމަބިހީގެ އިތުރު ފަސް ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. މިއާއެކު، މި ހިނގާ އަހަރުގެ މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 20 އަށް އަރާފައެވެ.
ބަލިޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ، ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން، އައިޖީއެމްއެޗްގައި މިހާރު ވަނީ ހާއްސަ ހެލްޕް ޑެސްކެއް ގާއިމުކޮށްފައެވެ. ހިމަބިހީގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުން އައުމާއެކު، ހަމުގައި ރަތްކުލައިގެ ބިހިތަކެއް ނެގުން ހިމެނެއެވެ. މީގެ އިތުރުން ކެއްސުމާއި، އަރިދަފުސް ފޭބުމުގެ އިތުރުން ލޯ ރަތްވުން ފަދަ އަލާމާތްތައް ފެނުމަކީވެސް އެކަށީގެންވާ ކަމެކެވެ.
ރާއްޖެއަކީ 2017 ވަނަ އަހަރު ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވާ ގައުމެކެވެ. ނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައާއި އަވައްޓެރި ގައުމުތަކުގައި މި ބަލި މިދުވަސްވަރު ފެތުރެމުންދާތީ، ރާއްޖެއަށްވެސް މި ބަލީގެ ނުރައްކާ ވަނީ ކުރިމަތިވެފައެވެ.
މި ބަލިން ރައްކާތެރިވުމަށްޓަކައި ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުމަކީ އެންމެ މުހިންމު ފިޔަވަޅު ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. އެހެންކަމުން، އެޗްޕީއޭ އިން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަނުކޮށް ތިބި ފަރާތްތަކުން ވީހާވެސް އަވަހަކަށް ވެކްސިން ޖެހުމަށް ބާރުއަޅާފައެވެ. އަދި ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ، އާންމު އެއްވުންތަކަށް ނުގޮސް، ސިއްހީ އެހީތެރިކަން ހޯދުމަށް އެ އިދާރާއިން ވަނީ ނަސޭހަތްތެރިވެފައެވެ.



