އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އިބްތިދާއީ އެއްބަސްވުމަކަށް އައުމާ ގުޅިގެން، ދިވެހި ސަރުކާރުން އެކަމަށް މަރުޙަބާ ކިޔައި މިއަދު ބަޔާނެއް ނެރެފިއެވެ.
މި އެއްބަސްވުމުގެ ސަބަބުން މުޅި ސަރަޙައްދުގެ މަސްލަޙަތަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ލުބުނާން ހިމެނޭހެން ހުރިހާ ފްރަންޓެއްގައި ކުރިއަށްދާ އަސްކަރީ އޮޕަރޭޝަންތައް ހުއްޓުމަކަށް އަންނާނެއެވެ.
ދިވެހި ޚާރިޖިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހޮރުމުޒް ކަނޑުއޮޅިން މިނިވަންކަމާއެކު ދަތުރުފަތުރު ކުރެވޭނެކަން ކަށަވަރުކުރުން ހިމެނޭހެން، ދެ ޤައުމުގެ ދެމެދުގައި ހުރި ދެބަސްވުންތައް ޙައްލުކުރުމަށް "މެމޯރެންޑަމް އޮފް އަންޑަސްޓޭންޑިންގ" އެއްގައި ސޮއިކުރުމަށް ނިންމި ނިންމުމަށް ރާއްޖެއިން ތާއީދުކުރާ ކަމަށެވެ.
ޚިޔާލުތަފާތުވުންތައް ނައްތާލުމާއި، ކަންބޮޑުވުންތަކަށް ޙައްލު ހޯދުމުގައި މަޝްވަރާއާއި ޑިޕްލޮމެސީގެ އިސްކަންދިނުމަށް ދެ ޤައުމުން ނިންމި ނިންމުމަކީ ދިވެހި ސަރުކާރުން ނުހަނު ބޮޑަށް އަގުވަޒަންކުރާ ކަމެއް ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، މި ސުލްހައިގެ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރި ޕާކިސްތާނާއި ޤަޠަރުގެ އިތުރުން، ގަލްފުގެ އެހެން ޤައުމުތަކާއި ބައިނަލްއަޤުވާމީ ބައިވެރިން ކުރި ބިނާކުރަނިވި މަސައްކަތްތަކަށް ދިވެހި ސަރުކާރުން ވަނީ ތަޢުރީފުކޮށްފައެވެ. ސަރުކާރުން ދެކޭގޮތުގައި މިއީ މުޅި ސަރަޙައްދުގެ ރައްކާތެރިކަމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.




