އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެ އިންތިހާބުގައި އެމަނިކުފާނާ ވާދަކުރެއްވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައީސް ނަޝީދު ޗެއާޕާސަންކަމުގެ މަސްއޫލިއްޔަތުތަކާ ރަސްމީކޮށް ހަވާލުވެވަޑައިގަތުމަށްފަހު، އިންތިހާބުގައި އެމަނިކުފާނާ ވާދަކުރެއްވި މީކާއީލްއާ ބައްދަލުކުރައްވައި، އިންތިހާބުގެ ތެރޭގައި އޭނާ ކުރެއްވި ހިތްވަރުގަދަ މަސައްކަތްޕުޅަށް ވަނީ ތައުރީފު ކުރައްވާފައެވެ. މި ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ، ކެމްޕެއިންގެ ތެރޭގައި މީކާއީލް ދެއްކެވީ ނަމޫނާ މަސައްކަތްޕުޅެއް ކަމަށާއި، ވަރަށް ވާދަވެރި އަދި ވަރުގަދަ "ފައިޓެއް" ދެއްވިކަން ފާހަގަކުރައްވާ ކަމަށެވެ.
ވޭތުވެދިޔަ ހުކުރު ދުވަހު ބޭއްވުނު އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި، މުޅި ރާއްޖޭގެ ނަތީޖާއިން ރައީސް ނަޝީދު ވަނީ ބޮޑު އަގުލަބިއްޔަތެއް ހޯއްދަވާފައެވެ. އިންތިހާބުގެ ރަސްމީ ނަތީޖާ ދައްކާ ގޮތުން ރައީސް ނަޝީދު މި ގޮނޑި ކާމިޔާބު ކުރެއްވީ ވޯޓުލީ މީހުންގެ 69 އިންސައްތަ ތާއީދާއެކުގައެވެ. އެގޮތުން، ސައްހަ 30,363 ވޯޓުގެ ތެރެއިން 20,943 ވޯޓު އެމަނިކުފާނު ވަނީ ކަށަވަރު ކުރައްވާފައެވެ.
މި ބައްދަލުވުމަކީ އިންތިހާބަށްފަހު ޕާޓީގެ އެތެރޭގެ ބަދަހިކަން ގާއިމުކުރުމަށާއި، ކުރިއަށް އޮތް ތަނުގައި ޕާޓީގެ ހަރަކާތްތައް ވަރުގަދަކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.



