އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް މިއަދު ބޭއްވުނު ފޯރިގަދަ އިންތިހާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ބޮޑު ތަފާތަކުން ކުރި ހޯއްދަވައި، އިންތިހާބު ކާމިޔާބު ކުރައްވާނެކަން ގާތްގަނޑަކަށް ކަށަވަރުކުރައްވާފައެވެ.
މިހާތަނަށް ނަތީޖާ ލިބިފައިވާ ގިނަ ވޯޓު ފޮށިތަކުން ރައީސް ނަޝީދު ބޮޑު އަގުލަބިއްޔަތެއް ހޯއްދަވާފައިވާއިރު، އިންތިހާބުގައި ވާދަކުރެއްވި މީކާއީލް ނިސްބަތްވާ ދާއިރާގެ އިތުރުން ރާއްޖޭގެ ބޮޑެތި ސިޓީތަކާއި އާބާދީ ބޮޑެތި ރަށްތަކުންވެސް ކުރި ހޯއްދަވާފައިވަނީ ރައީސް ނަޝީދެވެ.
މީކާއީލަށް ބައެއް މަދު ފޮށިތަކަކުން ކުރި ލިބިވަޑައިގަތް ނަމަވެސް، ޖުމްލަ ނަތީޖާއިން ނަޝީދު ވަނީ ބޮޑު ކުރިއެރުމެއް ހޯއްދަވާފައެވެ.
ކެމްޕޭން މުއްދަތުގައި ދެ ކެންޑިޑޭޓުންވެސް ފޯރިއާއެކު މަސައްކަތް ކުރައްވައި، އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމުގެ ފުރިހަމަ އިތުބާރު އޮތްކަމަށް ވިދާޅުވަމުން ގެންދެވިއެވެ. ނަމަވެސް، ވޯޓުލުން ނިމި ނަތީޖާ އިއުލާންކުރަން ފެށުމާއެކު ރައީސް ނަޝީދުގެ ތާއީދު ބޮޑުކަން ވަނީ ހާމަވެގެން ގޮސްފައެވެ.
މި ކާމިޔާބީއާ ގުޅިގެން ރައީސް ނަޝީދުގެ ސަޕޯޓަރުން ދަނީ މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދަށް ޖަމާވެ، ވަރަށް ފޯރިއާއެކު އުފާފާޅުކުރަމުންނެވެ. ރައީސް ނަޝީދުވެސް ވަނީ އެ ސަރަހައްދަށް ވަޑައިގެން، އެމަނިކުފާނަށް ތާއީދުކުރާ މެންބަރުންނާ ބައްދަލުކުރައްވައި، ކާމިޔާބީގެ އުފާ ފާޅުކުރުމުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ. އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރުމުގެ މަސައްކަތް ޕާޓީގެ އިދާރާއިން މިހާރު ދަނީ ކުރަމުންނެވެ.



