އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް މިއަދު ބޭއްވި އިންތިޚާބުގައި، ގދ. ފިޔޯރީގައި ބެހެއްޓި ވޯޓު ފޮށި ފަޅާލުމާ ގުޅިގެން އެ ފޮށީގެ ވޯޓުލުން ބާޠިލުކޮށް، އެހެން ދުވަހަކަށް ފަސްކުރުމަށް އެ ޕާޓީގެ އިންތިޚާބާ ބެހޭ ކޮމިޓީން ނިންމައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފިޔޯރީގައި ހަމަނުޖެހުން އުފެދުނީ، ވޯޓުލާން ދިޔަ ބައެއް މެންބަރުންގެ ނަން ލިސްޓުގައި ނެތުމުންނެވެ. އެ ހިތްހަމަނުޖެހުން ބޮޑުވެ، ބަޔަކު ވަނީ ވޯޓު ފޮށި ފަޅާލައި، ވޯޓުލުމަށް ހުރަސްއަޅާފައެވެ. ފޮށި ފަޅާލުމަށްފަހުވެސް އިރުކޮޅަކު ވޯޓުލުން ކުރިއަށް ގެންދިޔަ ނަމަވެސް، އިންތިޚާބާ ބެހޭ ކޮމިޓީން ފަހުން ނިންމީ އެ ފޮށީގެ ޞައްޙަކަން ގެއްލިފައިވާތީ ވޯޓުލުން ހުއްޓާލުމަށެވެ.
ފިޔޯރީގެ އިތުރުން ފ. ފީއަލީގައި ވެސް ވަނީ ބޮޑު ހަމަނުޖެހުމެއް ހިނގާފައެވެ. އެ ރަށުގައި ވޯޓުލުން ކުރިއަށްދަނިކޮށް، މީހަކު ވަނީ ވޯޓުލާ މަރުކަޒުން ވޯޓު ފޮށި ހިފައިގެން ބޭރަށް ނުކުމެފައެވެ. މި ހާދިސާއާ ގުޅިގެން ފީއަލީގެ ވޯޓުލުން ވަނީ މެދުކަނޑާލާފައެވެ.
އެމްޑީޕީގެ އިންތިޚާބާ ބެހޭ ކޮމިޓީގެ ފަރާތުން މުޢިއްޒު ވިދާޅުވީ، ފީއަލީ ވޯޓު ފޮއްޓާ މެދު ރަސްމީ ނިންމުމެއް އަދި ނުނިންމި ނަމަވެސް، ކޮމިޓީގެ ވިސްނުން ހުރީ އެ ފޮށީގެ ވޯޓުލުން ވެސް ބާޠިލުކުރުމަށް ކަމަށެވެ. މީގެ އިތުރުން، ފ. ބިލެތްދޫގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަކާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލައެއް ވެސް ކޮމިޓީން ދަނީ ބަލަމުންނެވެ.
މުޅި ރާއްޖޭގައި ވަރަށް ފޯރިއާއެކު ކުރިއަށްދިޔަ މި އިންތިޚާބުގެ ބައެއް ސަރަހައްދުތަކުގައި މިފަދަ ހަމަނުޖެހުންތައް ހިނގާފައިވީ ނަމަވެސް، ގިނަ ރަށްތަކުގައި ވޯޓުލުން ކުރިއަށްދިޔައީ އަމާންކަމާއެކުގައެވެ. ބާޠިލުކުރި ފޮށިތަކުގެ ވޯޓުލުން ބާއްވާނެ ތާރީޚެއް އެމްޑީޕީން ފަހުން އިޢުލާންކުރާނެއެވެ.




