ރާއްޖޭގެ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް އޮފީސް) އިން އެ ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށެވެ. މިއަދު މެންދުރު 12:45 އިން ފެށިގެން ހަވީރު 17:00 އާ ހަމައަށް ނެރުނު މި އެލާޓުގައި ބުނެފައިވަނީ، އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެ އިތުރުން ވައިގަދަވުމުގެ ސަބަބުން ކަނޑުތައް ވެސް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ އިންޒާރު ދީފައެވެ.
މިއަދު ހެނދުނު އެ ސަރަހައްދަށް ނެރުނު ވައިޓް އެލާޓް ޔެލޯ އެލާޓަކަށް މަތިކޮށްފައިވަނީ މޫސުން އިތުރަށް ގޯސްވުމާ ގުޅިގެންނެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ކެރީގެ އަސަރު ފޯރާނެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން މާލެއަށް މިއަދު ކުރަމުންދާ ވިއްސާރައިގައި މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ، އާންމު ދަތުރުފަތުރަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.
މަގުތަކުގައި ބޮޑުވެފައިވާ ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން މިހާރު ވަނީ ފަށާފައެވެ. އެގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ބާރުސްޕީޑުގައި ދަނީ ކުރިއަށެވެ.
މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ދަތުރަށް ފުރުމުގެ ކުރިން އެންމެ ފަހުގެ މޫސުމީ މައުލޫމާތު ހޯދުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.



