މާލޭގެ މަސްޖިދުލް ސުލްތާނުލް އާދިލް (ދެބުރި މިސްކިތް) ގެ ސައުންޑް ސިސްޓަމަށް ބޭނުންކުރާ ކަރަންޓް ކޭބަލެއް ރޭގެ ވަގުތެއްގައި ވަގަށް ނަގައިފިއެވެ.
މާލެ ސިޓީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި، ވަގަށް ނަގާފައިވަނީ އެ މިސްކިތުގެ އަޑުގަދަކުރާ ނިޒާމަށް ބޭނުންކުރާ 50 ފޫޓުގެ ކަރަންޓް ކޭބަލެކެވެ. މި ވައްކަމުގެ ސަބަބުން މިސްކިތުގެ ސައުންޑް ސިސްޓަމް ބޭނުންނުކުރެވޭތީ، ރޭގެ ފަތިސް ނަމާދު ކުރަން ޖެހުނީ އަޑުގަދަކުރާގެ އެހީއާ ނުލައެވެ.
ސިޓީ ކައުންސިލުން މިހާރު ވަނީ މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައެވެ.
މާލެ ސަރަހައްދުގައި ސިޓީ ކައުންސިލުން ބަލަހައްޓަމުންދާ ޖުމްލަ 41 މިސްކިތެއް ހުރިއިރު، މިސްކިތްތަކުން ވައްކަން ކުރުމާއި ތަކެއްޗަށް ގެއްލުން ދިނުމަކީ ދޭތެރެ ދޭތެރެއިން ފާހަގަކުރެވޭ ބޮޑު މައްސަލައެއްކަން ކައުންސިލުން ފާހަގަކުރެއެވެ. މީގެ ކުރިންވެސް ބައެއް މިސްކިތްތަކުން ފަންކާއާއި، ފެންމޯޓަރުގެ އިތުރުން އިސްކުރު ފަދަ ތަކެތި ވަގަށް ނަގާފައިވާ މައްސަލަތައް ވަނީ ފެންމަތިވެފައެވެ.
މިކަމާ ގުޅިގެން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މުގައްދަސް ބިނާތަކުން ވައްކަން ކުރުމަކީ ވަރަށް ނާތަހުޒީބު އަދި ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ހޯދައި، އެ ފަރާތްތަކަށް ގާނޫނީ ގޮތުން ދޭންޖެހޭ ހައްގު އަދަބު ދިނުމަށް މޭޔަރު ވަނީ ކަމާބެހޭ އިދާރާތަކަށް ގޮވާލައްވާފައެވެ.




