މިއަހަރުގެ މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5،500 ދިވެހި ރުފިޔާ ބަހާފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ. މިއީ މިހާތަނަށް ރާއްޖޭގައި މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް ބެހި އެންމެ ބޮޑު އަދަދެވެ.
ޒަކާތު ހައުސްއިން މައުލޫމާތު ދީފައިވާ ގޮތުގައި، 1445 ވަނަ އަހަރުގެ ހައްޖު މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ޖުމުލަ 2،384 މީހުންނަށް މިހާރު ވަނީ ފައިސާ ޖަމާކޮށްދީފައެވެ. މިގޮތުން ޒަކާތުގެ ގޮތުގައި ޖުމުލަ 13,112,000 (ތޭރަ މިލިއަން އެއްލައްކަ ބާރަހާސް) ރުފިޔާ ބަހާފައިވެއެވެ.
މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ބޮލަކަށް ޖެހުނު މިންވަރު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ބަހާފައިވަނީ ބޮލަކަށް 5،000 ރުފިޔާއެވެ. އެހެންކަމުން މިއަހަރު ބަހާފައިވާ އަދަދަކީ މިދިޔަ އަހަރަށްވުރެ 500 ރުފިޔާ އިތުރު އަދަދެކެވެ.
ޒަކާތު ހައުސްއިން ބުނި ގޮތުގައި، ދަފުތަރުގައި ހިމެނޭ މީހުންގެ ތެރެއިން އެކި ސަބަބުތަކާހުރެ ފައިސާ ޖަމާނުކުރެވި ހުރި މީހުންނަށް ފައިސާ ފޮނުވުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. މުދަލު ޒަކާތުގެ ގޮތުގައި ބަހާ ފައިސާއަކީ ޝަރުއީ ހަމަތަކުގެ މަތިން ޒަކާތުގެ ނިސާބު ހަމަވެގެން އާންމުން ދައްކާފައިވާ ފައިސާއެވެ.



