ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާންގެ އަބުރަށް އުނިކަން އަންނަ ގޮތަށް ލިޔުމެއް ޝާއިއުކުރި ކަމަށް ބުނެ، "ދައުރު" ނޫސް ހިންގާ ކުންފުންޏާއި އެ ނޫހުގެ އެޑިޓަރު މޫސާ ލަތީފާ ދެކޮޅަށް ކުރި ދައުވާއާ ގުޅިގެން، އެ ލިޔުން ވެބްސައިޓުން ނެގުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.
މި މައްސަލަ ފެށުނީ، "ދައުރު" ނޫހުގެ އެޑިޓަރު މޫސާ ލަތީފް ލިޔުއްވާފައިވާ "އަދަދު އަށް ފުލުހުން ވަދެގަތުމާއި އަޒާން ކުރެއްވި ތަޖުރިބާ" މި ސުރުޚީގެ ދަށުން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެންނެވެ. އަޒާން ދެކޭގޮތުގައި އެ ރިޕޯޓުގައި އޭނާއާ ގުޅޭގޮތުން ހިމަނާފައިވަނީ ހަގީގަތާ ހިލާފު އަދި އަބުރަށް ހުތުރުވާ ފަދަ ވާހަކަތަކެކެވެ.
ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ މިއަދު ނެރުއްވި އަމުރުގައި ވަނީ، އެ ލިޔުމުގެ ޕަބްލިކޭޝަން ސްޓޭޓަސް "ޑްރާފްޓް" އަށް ބަދަލުކޮށް، އާންމުންނަށް އެ ލިޔުން ނުފެންނާނެ ގޮތް ހެދުމަށް "ދައުރު" ނޫހަށް އަންގަވާފައެވެ. ނަމަވެސް، މިއީ ލިޔުން މުޅިން ފޮހެލުން (ޑިލީޓްކުރުން) ނޫން ކަމަށްވެސް ކޯޓު އަމުރުގައި ސާފުކޮށްދީފައިވެއެވެ.
ކޯޓުން މިފަދަ އަމުރެއް ނެރުނު ސަބަބުތަކުގެ ތެރޭގައި ފާހަގަކޮށްފައިވަނީ:
- މައްސަލާގައި ގޮތެއް ކަނޑައެޅުމުގެ ކުރިން، ދައުވާކުރާ ފަރާތުގެ (އަޒާންގެ) ހިމާޔަތް ކުރަންޖެހޭ މައުޟޫއީ ހައްގެއް އޮތްކަން ފާހަގަކުރެވުން.
- ލިޔުން ޑްރާފްޓް ހާލަތަށް ބަދަލުކުރުމުން ދައުވާ ލިބޭ ފަރާތަށް (މޫސާ ލަތީފަށް) ލިބޭނެ އިއާދަނުކުރެވޭ ފަދަ ގެއްލުމެއް އޮތް ކަމަށް ޝަރީއަތަށް ގަބޫލުނުކުރެވުން.
- މި އަމުރު ނުނެރެފިނަމަ، އެ ލިޔުން އިތުރު މީހުންނަށް ފެނި، އަޒާންގެ އަބުރަށް ލިބޭ ގެއްލުން އިތުރަށް ބޮޑުވެގެން ދިއުމުގެ ފުރުސަތު އޮތުން.
މިއީ އަބުރުގެ މައްސަލައެއްގައި ޝަރީއަތުން ގޮތެއް ނިންމުމުގެ ކުރިން، ނޫހެއްގައި ޝާއިއުކޮށްފައިވާ ލިޔުމެއް އާންމުންނަށް ނުފެންނާނެ ގޮތަށް ފޮރުވުމަށް (ޑްރާފްޓް ކުރުމަށް) ކޯޓުން އަމުރުކުރި މަދު ހާލަތްތަކުގެ ތެރެއިން މައްސަލައެކެވެ. މި މައްސަލައިގެ އަސްލު މައުޟޫއަށް ކޯޓުން އަދި ގޮތެއް ނުނިންމައެވެ.




