ހުޅުމާލެ ފޭސް 2 ގައި ހުރި ހިޔާ ޓަވަރުތަކުގެ ތެރެއިން ދެ ޓަވަރެއްގެ ކޮމާޝަލް ޔުނިޓުތައް ކުއްޔަށް ދޫކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު އިއުލާނުކޮށްފިއެވެ.
އެޗްޑީސީން ބުނި ގޮތުގައި، މިއީ އޯޕަން މާކެޓް ޑިމާންޑަށް ބަލައި، ވިޔަފާރިތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި ހުޅުވާލި ފުރުސަތެކެވެ. މި ބުރުގައި ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 546.27 އަކަފޫޓުގެ ޔުނިޓަކާއި 554.66 އަކަފޫޓުގެ ޔުނިޓެކެވެ.
މި މަޝްރޫއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ "ޕްރީ-ޕްރޮޕޯޒަލް" ބައްދަލުވުން އޮންނާނީ 14 ޖޫން 2026 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި ޒޫމް މެދުވެރިކޮށެވެ. މިކަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 17 ޖޫން 2026 ގެ މެންދުރު 14:00 ގެ ކުރިން sales@hdc.mv އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް އެޗްޑީސީން އެދެއެވެ. ސުވާލުތަކަށް ޖަވާބު ދިނުމަށް ހަމަޖެހިފައިވަނީ 21 ޖޫން 2026 ގައެވެ.
ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 1 ޖުލައި 2026 ވާ ބުދަ ދުވަހުގެ މެންދުރު 13:00 އާއި 14:00 އާ ދެމެދުގައެވެ. ޕްރޮޕޯޒަލްތައް ބަލައިގަތުން ކުރިއަށްދާނީ އެޗްޑީސީ ބިލްޑިންގުގެ ގްރައުންޑް ފްލޯގައި ހުންނަ އެގްޒިބިޝަން ސެންޓަރުގައެވެ. އަދި ހަމަ އެ ދުވަހުގެ 14:00 ގައި ޕްރޮޕޯޒަލްތައް ކެނޑުމަށް ވަނީ ތާވަލުކޮށްފައެވެ.
އެޗްޑީސީން އިތުރަށް ބުނީ، ޕްރޮޕޯޒަލް ހުށަހަޅާއިރު ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭނެ ކަމަށެވެ. މިކަމާ ގުޅޭ "ރިކުއެސްޓް ފޯ ޕްރޮޕޯޒަލް" (އާރުއެފްޕީ) ލިޔެކިޔުންތައް އެޗްޑީސީގެ ރަސްމީ ވެބްސައިޓް (www.hdc.mv) އަދި "މައިހުޅުމާލެ ޕްރޮޕަޓީސް" ވެބްސައިޓުން (properties.hdc.mv) ޑައުންލޯޑް ކުރެވޭނެއެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް އެ ކޯޕަރޭޝަންގެ ސޭލްސް ސެކްޝަންގެ ނަންބަރު 3353535 އަށް ގުޅުއްވުމަށް އެޗްޑީސީން އިލްތިމާސްކުރެއެވެ.



