ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސްގެ މަގާމަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް ހަސަން ޒަރީރު މިއަދު އައްޔަންކުރައްވައިފިއެވެ.
ލާމަރުކަޒީ ގާނޫނުގައިވާ ގޮތުގެ މަތިން، އެލްޖީއޭގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 140 ވަނަ މާއްދާއާއި، ލާމަރުކަޒީ ގާނޫނުގެ 59 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެ އޮތޯރިޓީގެ ރައީސްކަމަށް އައްޔަންކުރައްވާ ވަޒީރެކެވެ.
ހަސަން ޒަރީރު ފިނޭންސް މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވީ، އެ މަގާމުގައި ކުރިން ހުންނެވި މޫސާ ޒަމީރު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މާލީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ޒަރީރަކީ ފައިނޭންސް އަދި އެކައުންޓިންގ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.
ޒަރީރުގެ މަސައްކަތުގެ ތަޖުރިބާއަށް ބަލާއިރު، އޭނާ ވަނީ މީގެ ކުރިން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމާއި، 2010 އިން 2019 އަށް ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ފުރުއްވާފައެވެ. މީގެ އިތުރުން، 2007 އިން 2010 އަށް ފިނޭންސް މިނިސްޓްރީގެ ޗީފް ޕަބްލިކް އެކައުންޓްސް އެގްޒެކެޓިވްގެ މަގާމުވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.
މި އައްޔަންކުރެއްވުމާއެކު، ލާމަރުކަޒީ ނިޒާމު ހިންގުމުގެ އެންމެ މަތީ އިދާރާގެ ހިންގުން މިހާރު ހަވާލުވެފައިވަނީ ފިނޭންސް މިނިސްޓަރަށެވެ.




