އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުޙައްމަދު ޝަމްޢާން ވަޙީދު ދައްކަވަނީ އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށާއި، އެ މައްސަލަ ހިނގައިދިޔަ ގޮތް ރައްޔިތުންނަށް ސާފުކޮށްދިނުމަށް ފުލުހުންގެ މުއައްސަސާއަށް އަންގަވާފައިވާނެ ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މި މައްސަލައިގެ ޝަރީޢަތުގެ ނިޔާ އިއްވުމުގެ ކުރިން މީޑިއާއާ ވާހަކަދައްކަވަމުން، ބިދޭސީން ގެނައުމަށް ދޫކުރާ ކޯޓާ ފީން މިނިސްޓަރު އިޙްސާން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގަވާފައިވާ ކަމަށް ޝަމްޢާން ވަނީ ތުހުމަތުކުރައްވާފައެވެ.
އެގޮތުން ކޮންމެ ކޯޓާއަކުން 8,000 ރުފިޔާ އަދި ހުއްދަދޭ ކޮންމެ ބަންގްލަދޭޝް ރައްޔިތަކަށް 1,800 ޑޮލަރު މިނިސްޓަރު ނަންގަވާފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. މީގެ އިތުރުން، މިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ހުށަހެޅުމުންވެސް އެކަން ބައްލަވާފައިނުވާ ކަމަށް ޝަމްޢާން ވިދާޅުވިއެވެ.
މި ތުހުމަތުތަކާ ގުޅިގެން މިނިސްޓަރު އިޙްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޝަމްޢާން ދައްކަވަނީ ސާބިތު ނުހިފޭ ކަނޑައެޅިގެން ބޮޑެތި ދޮގުތަކެއް ކަމަށެވެ. އަދި އޭނާ ފްރޭމްކުރި ކަމަށް ބުނާ ވާހަކައަކީވެސް އެއްވެސް އަސާސެއް ނެތް ވާހަކައެއް ކަމަށާއި، ފުލުހުންގެ ތަޙުޤީޤަށް ލިބިފައިވާ ހެކިތަކުން އެކަން ސާފުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ތަކުރާރުކޮށް އެ ކުރާ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއް ނެތް އިރު، އޭނާ އެ ހަދަނީ ދޮގުކަން ކުރިންވެސް މީޑިއާގައި އަޅުގަނޑުވާނީ ހާމަކޮށްފައި. ޝަމްޢާން ފްރޭމްކޮށްފައިވާ ކަމަށް ބުނާ ވާހަކައަކީވެސް އެއްވެސް ޙަޤީޤަތެއް އޮތް ވާހަކައެއް ނޫންކަން މި މައްސަލާގައި ފުލުހުން ހޯދާފައިވާ ހެކިތަކުން ސާފުވޭ. މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ތަފްޞީލީ ގޮތެއްގައި ރައްޔިތުންނަށް އޮޅުންފިލުވައިދިނުމަށް އަޅުގަނޑު ވާނީ ފުލުހުންގެ މުއައްސަސާގައި އެދިފައި،" އިޙްސާން ވިދާޅުވިއެވެ.



