ސިއްހީ ސަބަބުތަކަށްޓަކައި ވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތައް ދެމެހެއްޓުމާއި ޕީއެންސީގެ ފިކުރު ކުރިއެރުވުމުގައި ސާބިތުކަމާއެކު ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ކުރީގެ ފައިނޭންސް މިނިސްޓަރު މޫސާ ޒަމީރު ދެއްވައިފިއެވެ.
ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޒަމީރު ވިދާޅުވީ، އެމަނިކުފާނު މަގާމުން ވަކިވެވަޑައިގަތުމާ ގުޅިގެން ދެކެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށެވެ. އަދި އަބަދުވެސް ހުންނަވާނީ ކުރީއްސުރެ ގަބޫލުކުރައްވާ ސިޔާސީ ފިކުރުގައި ކަމަށާއި، ރައީސް މުއިއްޒުގެ ފަހަތްޕުޅުގައި ގައުމީ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ސާފުކޮށް މިދަންނަވަނީ، އަޅުގަނޑު މިހުރީ ހަމަ އެ ފިކުރުގައި. އިސްލާމްދީނާއި، ގައުމިއްޔަތު އަދި ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅުތަކަށް ފުރިހަމައަށް ތާއީދުކޮށް، އެމަނިކުފާނާއެކު ސާބިތުވެ މިހުރީ،" ޒަމީރު ވިދާޅުވިއެވެ.
މަގާމުން އިސްތިއުފާ ދެއްވަން ނިންމެވި ސަބަބު ހާމަކުރައްވަމުން ޒަމީރު ވިދާޅުވީ، އެއީ ހަމައެކަނި ސިއްހީ ހާލަތު ހުރިގޮތުން ނިންމެވި ނިންމެވުމެއް ކަމަށެވެ. ދައުލަތުގެ ބޮޑު މަސްއޫލިއްޔަތެއް ފުރިހަމައަށް އަދާކުރެއްވޭ ފަދަ ސިއްހީ ދުޅަހެޔޮކަމެއް ނެތް ނަމަ، އެ މަގާމުން އެއްފަރާތްވެވަޑައިގަތުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



