މި އަހަރުގެ ދެވަނަ ދައުރުގެ މަސައްކަތްތައް މިދިޔަ ހޯމަ ދުވަހު ފަށާފައިވާއިރު، އެ ދުވަހު ބޭއްވި ޖަލްސާއަކީ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން އަޙްމަދު ނާޒިމް އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމަށް އައު ބޭފުޅަކު އިންތިޚާބު ކުރުމަށް ބޭއްވި ޚާއްޞަ ޖަލްސާއެކެވެ.
އެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެފައިވަނީ، އެއް ހަފްތާގެ މެދުކެނޑުމަކަށްފަހު ދެން ޖަލްސާއެއް އޮންނާނީ މާދަމާ ކަމަށެވެ.
ނަމަވެސް، މަޖިލީހުގެ އިދާރާއިން މިއަދު މަޢުލޫމާތު ދިން ގޮތުގައި، މި ހަފްތާގައިވެސް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުދާނެއެވެ. ޖަލްސާތައް އަލުން ފެށުމަށް މިހާރު ތާވަލުކޮށްފައިވަނީ އަންނަ ހަފްތާގެ ހޯމަ ދުވަހަށެވެ. މި ހަފްތާގައި ޖަލްސާތައް މެދުކަނޑާލަން ޖެހުނު ސީދާ ސަބަބެއް މަޖިލީހުގެ އިދާރާއަކުން ހާމައެއް ނުކުރެއެވެ.
މި ހިނގާ ދެވަނަ ދައުރުގެ މަސައްކަތްތައް އަންނަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ. އެއަށްފަހު، ދޮޅު މަސްދުވަހުގެ ޗުއްޓީއަކަށް މެދުކަނޑާލުމަށްފަހު، އަހަރުގެ ފަހު ދައުރުގެ ޖަލްސާތައް އޮކްޓޯބަރު މަހު ފަށައި ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.



