މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަ އަގު މިއަދު ބޮޑުކޮށްފިއެވެ.
މަސްގަންނަ އަގު ވަނީ އާދިއްތަ ދުވަހު 18.50 އަށް ބަދަލުކޮށްފައެވެ. އާދިއްތަ ދުވަހުން ފެށިގެން ގެނައި މި ބަދަލާއެކު، މިފްކޯއިން މިހާރު މަސް ގަންނަމުންދަނީ އަމިއްލަ ކުންފުނިތަކުންވެސް މަސް ގަންނަ އަގުތަކާ އެއްވަރެއްގައެވެ.
މި ދުވަސްވަރު މަސްވެރިންގެ އަތުން މަސް ގަންނަ އަގު އެވްރެޖްކޮށް 17 އާއި 18 ރުފިޔާއާ ދެމެދުގައި ހިފެހެއްޓުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ސަރުކާރުގެ ސިޔާސަތަކީ މަސް ގަންނަ އަގު 16 ރުފިޔާއަށްވުރެ ދަށްވިޔަނުދީ ހިފެހެއްޓުމެވެ. މިފްކޯއިން ކަޅުބިލަމަސް ގަންނަ އަގު މަތިކުރި ނަމަވެސް، ރޯކަންނެލި ގަންނަ އަގަށް މިވަގުތު ބަދަލެއް ގެނެސްފައެއް ނުވެއެވެ.
އަގަށް އައި މި ބަދަލާއެކު، މިފްކޯގެ ފެލިވަރު، ކޫއްޑޫ އަދި އައްޑޫ ފެކްޓްރީތަކުގެ އިތުރުން، ގދ. ތިނަދޫ، ފަރެސްމާތޮޑާ، ގައްދޫ، ހއ. އިހަވަންދޫ އަދި ފުވައްމުލައް ސިޓީގެ ބަނދަރުތަކުންވެސް އާދިއްތަ ދުވަހުން ފެށިގެން މަސް ގަންނަމުންދާނީ އާ އަގުގައެވެ.
ސަރުކާރުގެ އަމާޒަކީ މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި، މަސް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުކުރުމެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި ތަފާތު މަރުހަލާތަކަކަށް ބަހާލައިގެން ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.
އޭގެ ތެރޭގައި، މަހުގެ ބާވަތްތަކަށް އަގު އެއްކޮށްގެން ބޭރުގެ ބާޒާރުތަކަށް ނެރުމާއި، މަސް ފެކްޓްރީތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމުގެ އިތުރުން، ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓްކުރާ މިންވަރު އިތުރުކުރުން ހިމެނެއެވެ.



