އިތުރަށް ދަރަނިވެރިނުވެ، ސަޕްލިމެންޓަރީ ބަޖެޓެއްގެ އެހީތެރިކަމާ ނުލައި، ކަނޑައެޅިފައިވާ ބަޖެޓުގެ ތެރޭގައި ދައުލަތުގެ ޚަރަދުތައް ހިފެހެއްޓުމަކީ ފިޗް ރޭޓިންގަށް އައި ބަދަލަށްވުރެ މާ ބޮޑު ކާމިޔާބީއެއް ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.
"ޕްރެސް ވިތު ދަ ސްޕޯކްސް" ސިލްސިލާގެ ތެރެއިން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރާއްޖޭގެ އިޤުތިޞާދީ އަދި މާލީ ޙާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ތަރުޖަމާނު ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުން ކަމަށެވެ.
ފިޗް ރޭޓިންގަށް އައި ބަދަލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، އެއީ ބައިނަލްއަޤުވާމީ މާލީ އިދާރާތަކާއި ތަރައްޤީގެ ބައިވެރިން ރާއްޖެއާމެދު ދެކޭގޮތް ރަނގަޅުވެ، އިންވެސްޓަރުންގެ އިތުބާރު އާލާވާނެ އުންމީދީ ނިންމުމެއް ކަމަށެވެ. ނަމަވެސް، ހަގީގީ ކާމިޔާބީއަކީ މި އިޞްލާޙީ ފިޔަވަޅުތަކުގެ ސަބަބުން ރޭޓިންގ އިތުރަށް މަތިވެ، އޭގެ ސީދާ ފައިދާ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް ކުރަން ފެށުންކަން އޭނާ ފާހަގަކުރެއްވިއެވެ.
ދައުލަތުގެ ޚަރަދުތައް ބަޖެޓުގެ މިންގަނޑުގައި ހިފެހެއްޓުނީ ސަރުކާރުން ގެންގުޅޭ ހިކުމަތްތެރި މާލީ ސިޔާސަތުތަކުގެ ސަބަބުންކަން ފާހަގަކުރައްވައި، ތަރުޖަމާނު ވިދާޅުވީ މިއީ ފާއިތުވި އަހަރުތަކާ ޚިލާފަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. އެގޮތުން، ޓެކުހުގެ ނިޒާމަށް ގެނައި ބަދަލުތަކާއި، ދައުލަތުގެ އިސްރާފުތައް ކުޑަކުރުމުގެ ގޮތުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން، އަންދާޒާކުރި އާމްދަނީއާއި ޚަރަދުތައް އެއްހަމައެއްގައި ހިފެހެއްޓިފައިވާކަން އޭނާ ބަޔާންކުރެއްވިއެވެ.
މީގެ އިތުރުން، ސަރުކާރުން ތަންފީޒުކުރަމުންދާ އިޤުތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން އަޅަމުންދާ ބައެއް ފިޔަވަޅުތަކަކީ ސިޔާސީ ގޮތުން މަޤުބޫލު ނޫން ނިންމުންތަކަކަށް ވެދާނެކަން ފާހަގަކުރައްވައި، ޝަރީފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްކަންދެއްވަނީ ކުރު މުއްދަތުގެ ސިޔާސީ މަންފާއަށްވުރެ ޤައުމުގެ މުސްތަޤުބަލާއި ވަޠަނީ މަޞްލަޙަތަށް ކަމަށެވެ. މިގޮތުން ސަބްސިޑީތައް ހަމަޖެހޭ އުސޫލަކަށް ފެއްތުމާއި، ދައުލަތުގެ ކުންފުނިތައް ހިންގުން ހަރުދަނާކުރުމުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަޤީންކަންވެސް ތަރުޖަމާނު ދެއްވިއެވެ.




